ޗައިލްޑު ކެއާގެ ހިދުމަތާއި ދަރިންގެ ކަންކަމުގައި ނަގާ ޗުއްޓީ އަދި ލުއިފަސޭހަ މަސައްކަތުގެ ނިޒާމެއް ހަރުދަނާކޮށްދިނުމަށް އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އެ ޕެޓިޝަން މަރްޔަމް ސަލްވާ ޝިޔާމް ތައްޔާރުކުރީ "ޗައިލްޑް ކެއާ ފޯ ޓުމޯރޯ"ގެ ނަމުގައި ބެނެފިޓް ނަމަކަށް ކިޔާ ޖަމިއްޔާއަކުން ގެންދާ ކެމްޕެއިންގެ ތެރެއިންނެވެ. މި މަހުގެ 1 ވަނަ ދުވަހު ސޮއިކުރަން ފެށި ޕެޓިޝަންގައި މިހާރު 116 މީހުން ވަނީ ސޮއިކޮށްފަ އެވެ. 

މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެ ޕެޓިޝަންގައި ސޮއިކުރެވޭނެ އެވެ. 

އެ ޖަމިއްޔާއިން ބުނީ ކެމްޕެއިންގެ ބޭނުމަކީ ވިހެއުމާއި ސްކޫލު އުމުރާ ދެމެދު ކުދިންނަށް އެހީ ބޭނުންވެފައިވާ މިންވަރާއި އެ ހިދުމަތް ނުލިބުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރުން ކަމަށެވެ.

އެ ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިއްޖެނަމަ އެކަމުގެ ފައިދާ ހުރިހާ އެންމެންނަށް ވެސް ސީދާ އަދި ނުސީދާ ގޮތުން ކުރާނެ ކަމަށެވެ. އެގޮތުން، ވިހެއުމާ ގުޅިގެން މަސައްކަތުގެ މާހައުލުގައި އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިވާން ޖެހުމާއި މަސައްކަތުގެ މާހައުލުގައި އަންހެނުންގެ ދައުރު ފުޅާވެ ފުރުސަތުތައް އިތުރުވުން އަދި މިންތީގެ ހަމަހަމަކަން އިތުރުވެ އޭގެ އިތުރުން މުޖުތަމައުގައި ހިނގާ ނޭދެވޭ އެތައް ކަމެއް ހައްލުކުރެވިގެން ދާނެ ކަމަށް ވެސް އެ ޕެޓިޝަންގައި ބުންޏެވެ.

އެ ޖަމިއްޔާއިން ވަނީ އެކަމާ ގުޅޭ ދިރާސާއެއް ވެސް ހަދައިފަ އެވެ.

ދިރާސާއިން ފާހަގަވި ކަންކަން

- ރަސްމީ ޑޭކެއާ ސެންޓަރު ބޭނުންކުރަނީ ނުވަ ޕަސެންޓު މީހުން

- ތިން މީހުންގެ ތެރެއިން އެކަކު ދަރިން ބެލުމަަށް ބަރޯސާވަނީ އާއިލާ ނުވަތަ ރަހުމަތްތެރިންނަށް

- ފުލްޓައިމް ވަޒީފާ އަދާކުރާ މައިންނަކީ ނުރަސްމީ އެހީތެރިކަމަށް ބަރޯސާވާ މީހުން

- މުޖްތަމައުގައި އެކަށީގެންވާ ގޮތެއްގައި ކުދިން ބަލަހައްޓާނެ ގޮތެއް ނެތް ކަމަށް 91 ޕަސެންޓް މީހުން ގަބޫލުކުރޭ

- އާއިލާއާ ރައްޓެހި މަސައްކަތުގެ މާހައުލުގެ ސިޔާސަތުތައް ނެތުމަކީ ވަޒީފާގައި ދެމިހުންނަން ނުވަތަ ވަޒީފާ އަދާކުރުމަށް އޮތް އެންމެ ބޮޑު ހުރަސް

ދީފައިވާ ލަފާތައް

- އަގުހެޔޮ، ފެންވަރު ރަނގަޅު ޑޭކެއާ ސަބްސިޑައިޒްކުރުން

- ޕަބްލިކް ސެކްޓަާ އަދި ޕްރައިވެޓް ސެކްޓާގައި ޗައިލްޑް ކެއާ އެލަވަންސް ތައާރަފްކުރުން

- ޗައިލްޑް ކެއާ ސެންޓަރުތައް ރެގިއުލޭޓްކޮށް މޮނިޓާކުރުން

- ވިހެއުމުން ސިވިލް ސާވިސް އަދި ސަރުކާރުގެ އިދާރާތަކުން ދޭ ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް އަދި އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް، އަމިއްލަ ތަންތަނުން ދިނުން ލާޒިމްކުރުން

ބެނެފިޓް ޖަމިއްޔާއިން ބުނީ ފެންވަރު ރަނގަޅު ޗައިލްޑްކެއާގެ ހިދުމަތް ހޯދުމަކީ ވަރަށް ގިނަ އާއިލާތަކުން ބޭނުންވާ ނަމަވެސް ލިބޭ އާމްދަނީއަށް ބަލާއިރު އެއީ އަތްނުފޯރާ ހިސާބުގައި ހުރި ހިދުމަތެއް ކަމަށެވެ. އަދި ހާއްސަކޮށް މަދު އާމްދަނީއެއް ލިބޭ އާއިލާތަކުން އެ ހިދުމަތް ހޯދަން ދަތިވާކަން ފާހަގަކުރި އެވެ.

"ރާއްޖޭގެ ވަރަށް ގިނަ އާއިލާތަކަކީ މަންމަ އަދި ބައްޕަ ވެސް ވަޒީފާއަށްދާ އާއިލާތަކެވެ. މި ވަގުތުތަކުގައި ކުދިން ބެލެހެއްޓުމަށް ރަނގަޅު ފެންވަރުގެ ހިދުމަތް ލިބޭނެ މަގު ފަހިވެފައި ނެތްނަމަ މީގެ ސަބަބުން މުސްތަގުބަލުގެ ޖީލު އެންމެ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިދާނެ އެވެ،" ޕެޓިޝަންގައި ވެ އެވެ.

ތުއްތު ކުދިން ބެލުމުގައި ބެލެނިވެރިން ހާއްސަކޮށް މަންމައިން ވަރަށް މުހިއްމު ރޯލެއް އަދާ ކުރާއިރު، އަންހެނުން ވަޒީފާގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރުމަކީ ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ބެނެފިޓް ޖަމިއްޔާއިން ބުންޏެވެ.

ބޭނުންވާ ހައްލު

- މެޓާނިޓީ ލީވް ނިމޭ ދުވަހުން ފެށިގެން ކުއްޖާއަށް ދެ އަހަރު ވަންދެން މަންމަ ނުވަތަ ބައްޕައަށް ގޭގައި ހުރެގެން މަސައްކަތްކުރަން ފުރުސަތު ދިނުން ނުވަތަ މަސައްކަތްކުރާ ގަޑި މަދުކުރުން ނުވަތަ މަސައްކަތް ކުރާނެ ވަގުތުތައް އިހުތިޔާރު ކުރުން ފަދަ ލުއި ފަސޭހަ އިންތިޒާމުތަކެއްގެ ބޭނުން ކުރެވޭނެ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުން. އަދި މަގުބޫލު ސަބަބުތަކެއް ނެތި އެފަދަ އިންތިޒާމުތަކަށް އިންކާރު ނުކުރެވޭނެ ފަދައިން ގާނޫނަށް އިސްލާހު ގެނައުން

- ޑޭކެއާ ސެންޓަރުތައް ހސަރުކާރުގެ އެހީތެރިކަމާއެކު ގާއިމްކުރުން. އޭގެ ތެރޭގައި ވަޒީފާގެ ގޮތުން ލުއިފަސޭހަ އިންތިޒާމުތައް ނުވަތަ ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބޭ ބެލެނިވެރިންނަށް އިސްކަން ދިނުމާއި މެދު ފަންތިއާއި ދަށް ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަމާޒުކޮށްގެން ދެވޭ ސަބްސިޑީ ނިޒާމެއް ހިމެނޭހެން ސަބްސިޑީ ދިނުމުގެ އުސޫލު ގާއިމްކުރުން