މީގެ 100 ވަރަކަށް އަހަރު ކުރިން ފެށިގެން ބޭނުންކުރަމުން އަންނަ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ހުރި ބިމުގައި އާ މިސްކިތެއް އަޅަން ނިންމުމުން، އެތަނަކީ ތާރީހީ ތަރިކައެއްގެ ގޮތުގައި ހިމާޔަތްކުރަން އެދި ރައްޔިތުންގެ މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި މިދިޔަ ހުކުރު ދުވަހު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެފައި ވަނީ ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން މި ރޯދަމަހަށް ފަހު ފަށާނެ ކަމަށެވެ. އެކަމަށް ހިނގާނެ ހަރަދު ދީލަތި ފަރާތަކުން ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީޑިއާތަކުގައި އެ ޚަބަރު ޖެހުމާ އެކު، ތާރީހު ދިރާސާކުރާ މީހުންނާއި އާއްމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

ބަންޑާރަ މިސްކިތް --
ބަންޑާރަ މިސްކިތް --

އެ މިސްކިތް ހިމާޔަތް ކުރަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރާ ހުސައިން ފުރުޝާނެވެ.

ސޮއި ކުރުމަށް އިއްޔެ ހުޅުވާލާފައިވާ އެ ޕެޓިޝަނުގައި ބުނެފައި ވަނީ މާލޭ ބަންޑާރަ މިސްކިތް އެންމެ ހާއްސަވާ ސަބަބަކީ އިނގިރޭސި ހިމާޔަތުގެ އަޅުވެތިކަމަށް ދިޔުމާއި އެ އަޅުވެތިކަމުން މިނިވަންވުމާ މި މިސްކިތާ ގިނަ މާނައެއްގައި ގުޅިފައިވާތީ ކަމަށެވެ.

އިނގިރޭސި ހިމާޔަތާ އޭގެ އެތައް އަހަރެއްފަހުން ރާއްޖެ މިނިވަންވުމާ ގުޅިފައިވާ މުހިންމު ހުރިހާ ތަނެއް މިހާރު ނައްތާލެވިފައި ވާއިރު އެ މިސްކިތަކީ އެކަމުގެ ހަނދާނަކަށް މިހާރު ފެންނަން ހުރި ހަމައެކަނި ބިނާއަށް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ކޮންމެ މީހަކަށް ވެސް ސޮއި ކުރެވޭ އެ ޕެޓިޝަނަށް ސޮއި ހަމަކުރުމަށް 42 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. މިހާތަނަށް އެ ޕެޓިޝަންގައި ސޮއި ކޮށްފައި ވަނީ ނުވަ މީހުންނެވެ.

ބަންޑާރަ މިސްކިތް --
ބަންޑާރަ މިސްކިތް --

ޕެޓިޝަނަކަށް ސޮއި ލިބޭ މިންވަރަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން އެޅުމަށް ލާޒިމުވާ ފިޔަވަޅުތައް އަޅާނެ އެވެ.

އާ މިސްކިތެއް އަޅަން ނިންމުމުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި އިސްލާމިކް މިނިސްޓަރު ވިދާޅުވެފައި ވަނީ ބަންޑާރަ މިސްކިތަކީ ތާރީހީ ތަނަކަށް ވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެތަން މިހާރު ހުރީ ބުމްބާ ވިޔަފާރިވެރިން އެޅި ގޮތަށް ނޫން ކަމަށާއި ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް ބަންޑާރަ މިސްކިތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެހެންވެ، މިހާރު އެތަން ތަރައްގީ ނުކުރާންވީ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ޖުމްހޫރީ މައިދާން ކައިރިން އެސްޓީއޯ ސުޕަމާޓު ކައިރީ ހުންނަ ބަންޑާރަ މިސްކިތަކީ ރާއްޖެއަށް އަތްގަދަ ކުރަން އައި ޝީއީންގެ ގަބޫލުކުރުންތަކަށް ހެއްލިފައި ތިބި ވޯރާ ވިޔަފާރިވެރިން ބިނާކުރި މިސްކިތެއް ކަމަށް ބުނެވެ އެވެ. އޭރު އެ މިސްކިތަށް ކިޔަނީ ބުމްބާ މިސްކިތެވެ. ނަމަވެސް ފަހުން އެ މިސްކިތުގެ ނަން ބަންޑާރަ މިސްކިތުގެ ނަމަށް ބަދަލުކުރީ އެވެ.