ވަގަށް ނެގުމަށް ފަހު މަރާލާފައިވާ ކަމަށް ބުނާ ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖޭން ބޭރަށް ގޮސް ހަނގުރާމައެއްގައި އުޅެނިކޮށް މަރުވެފައިވާކަން ދައްކަން އުޅުނު ކަމަށް ތުހުމަތުކުރާ މައްސަލާގައި، ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ރިލްވާން ރާއްޖެ އިން ބޭރަށް ފުރާފައިވާކަން ދެއްކުމަށްޓަކައި އިންޓެލިޖެންސްގެ ދެ ފުލުހަކާ ގުޅިގެން، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހަސަން އަލީ ހުންނެވި އިރު މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ، މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަކަން އަންގާފައިވާ ކަމަށެވެ.
އެހެންވެ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި ވަޒީފާއަށް ނުނިކުމެ މަޑުކުރަން އެންގުމަށް، އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ބުންޏެވެ.
ރިލްވާންގެ މައްސަލައާ ގުޅިގެން ހަސަން ފުލުހުންނަށް ދިން ބަޔާނާ ހަވާލާދީ ރިޔާސީ ކޮމިޝަނުން ބުނީ ދެ ފުލުހަކު ބައްދަލުކޮށް ރިލްވާންގެ ވާހަކަ ނިމެން އެބަޖެހޭ ކަމަށާއި އެމީހުން އޭނާގެ ޕާސްޕޯޓް ހައްދަން ބޭނުންވާ ކަމަށް ބުނި ކަމަށެވެ. އަދި ބޭނުންވަނީ އޭނާ ރާއްޖެ އިން ބޭރަށް ދިޔަކަން ދެއްކުމަށް ކަމަށާއި އެ ވާހަކަ އެންޑީޓީވީ ފަދަ ޗެނަލަކުން ޚަބަރެއްގެ ގޮތުގައި ގެނެވިދާނެ ކަމަށް އެ މީހުން ބުނި ކަމަށެވެ. ރިލްވާންގެ ޕާސްޕޯޓް ހަދައި ދިނުމަށް އެދުމުން، ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަ ކަމެއް ނުކުރެވޭނެ ކަމަށާއި ރަސްމީ ލިޔުމެއް ނުގެނެވޭނެ ކަމަށް ދެ ފުލުހުން ބުނި ކަމަށްވެ އެވެ. އަދި އެމީހުން ބޭނުން ނަމަ، ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ކަމަށް ހަސަން ވިދާޅުވުމުން، އެއީ ރަނގަޅު ގޮތެއްގައި ކަމަށް ބުނެ ދެ މީހުން ދިޔައީ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.