ސަސްޕެންޝަންގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ އަވަސްކޮށްދޭން ހައި ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދެފި އެވެ.
ފަނޑިޔާރު ހަސަން މިދިޔަ ސެޕްޓެމްބަރު މަހު ސަސްޕެންޑްކުރީ ރިޔާސީ ކޮމިޝަނުން އޭނާއާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް އަންގާފައިވާތީ ކަމަށް ޖޭއެސްސީން އޭރު ބުނެފައިވެ އެވެ. ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖެއިން ބޭރަށް ފުރާފައިވާ ކަން ދެއްކުމަށް ފަނޑިޔާރު ހަސަން އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވިއިރު ދެ ފުލުހަކު އޭނާއާ ބައްދަލު ކުރެއްވި ކަމަށް ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލާގައި އަވަހަށް ގޮތެއް ނިންމައިދޭން ހައި ކޯޓުން ދާދިފަހުން އެދުނީ ފަނޑިޔާރު ހަސަން ސަސްޕެންޑްކުރި ފަހުން ހަތަރު މަސް ފާއިތުވިއިރު ވެސް، ޖޭއެސްސީން އެ މައްސަލައާ މެދު ގޮތެއް ނުނިންމައި އޮތުމުންނެވެ.
ފަނޑިޔާރު ހަސަން ސަސްޕެންޑް ކޮށްފައިވާއިރު، ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާ ގުޅޭ މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެކަމަކު އެއީ ކޮން މައްސަލަތަކެއް ކަން ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. އަދި އޭނާ ހުންނެވީ ވެސް ސަސްޕެންޝަނަކު ނޫނެވެ.
މީގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ މައްސަލައެއް ވެސް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.