ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އެ ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހަސަން އަލީ އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނި ގޮތުގައި ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިގާފުންނެވެ.
ހައި ކޯޓުގެ ރަޖިސްޓްރާގެ މަގާމުގައި ހަސަން ހުންނަވަނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު އެ މަގާމުން ވަނީ ވަކިކޮށްފަ އެވެ. އޭގެ ފަހުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އޭނާ އައްޔަންކުރި އެވެ. ރަޖިސްޓްރާ ކަމަށް އައްޔަން ކުރުމުގެ ކުރިން ހަސަން ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައުސިން މިނިސްޓަރުގެ ނައިބުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.
ހަސަން އައްޔަން ކުރަން ނިންމީ މިހާރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމުގެ ތެރެއިން މަގާމަކަށެވެ. އެ ބެންޗްގައި އިތުރު ދެ މަގާމެއް އަދިވެސް ހުސްކޮށް އެބައޮތެވެ. އެ ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ޖޭއެސްސީން އަދި ކަނޑައެއް ނާޅަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭނެ އެވެ.