ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ އިތުރު މައްސަލަައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ފަނޑިޔާރު ހަސަންއާ ގުޅޭ މައްސަލައެއް ބަލަން ޖޭއެސްސީން އޮތީ ކުރިން ވެސް ނިންމައިފަ އެވެ. އެކަމަކު އޭރު ބަލަމުން ދިޔައީ ކޮން މައްސަލައެއް ކަން އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ފަނޑިޔާރު ހަސަންގެ އިތުރު މައްސަލައެއް ކޮމިޝަނުން ބަލަން ނިންމާފައިވާ ކަމަށެވެ. އަދި ފަނޑިޔާރު ހަސަނާ ގުޅޭގޮތުން ކުރިން ވެސް މައްސަލަ ބަލަމުންދިޔަ ކޮމެޓީ އަށް އެ މައްސަލަ ފޮނުވަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން ޖޭއެސްސީގެ ގާނޫނަށް އިއްޔެ ގެނައި އިސްލާހުގެ ދަށުން މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމެޓީއެއް މިއަދު އެކުލަވާލާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާނީ އެ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަންގައި އިންނަވާ މެމްބަރު އަބްދުއްރައޫފް އިބްރާހިމާއި ވަކީލުންގެ ތެރެއިން އިންނަވާ މެމްބަރު އަބްދުލްމާނިއު ހުސައިން ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް މއ. ޗަނބޭލީވިއު އިޒްމީރާ ޝިހާމް ހަމަޖައްސަން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.