ދުނިޔޭގެ ކަނޑުތައް ހިމާޔަތް ކުރުމަށް އދ.ގެ ކަނޑުތަކާބެހޭ ކޯޓަށް ހުށަހެޅި މައްސަލަ ނުވަ ޖަޒީރާ ގައުމަކާ އެއްކޮޅަށް ނިމި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މިހާރަށް ވުރެ ބޮޑަށް ފިޔަވަޅުތައް އެޅުމަށް ކުދި ޖަޒީރާ ގައުމުތަކުން ކުރާ މަސައްކަތަށް ތާރީހީ ކާމިޔާބެއް ލިބިއްޖެ އެވެ.

އިޓްލޮސްއަށް މި މައްސަލަ ހުށަހެޅީ އެންޓީގާ އެންޑް ބާބޫޑާ، ނިއު، ޕަލާއު، ސެއިންޓް ކިޓްސް އެންޑް ނެވިސް، ސެއިންޓް ލޫސިއާ، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނޭޑައިންސް، ޓޫވާލޫ އަދި ވަނޫއަޓޫ އެވެ.

އެ ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުން ކަނޑުތަކަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން، ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ އަންކްލޮސްގައި ބައިވެރިވެފައިވާ 169 ގައުމުތަކަށް ވެސް ލާޒިމުކަމެއް ކަމަށް ކޯޓުގެ ނިންމުމުގައި ބުންޏެވެ.

މިއީ ކާބަން އެމިޝަންސް ނޫނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސީދާ އަސަރު ކަނޑުތަކަށް ކުރާ ކަމަށް ބައިނަލްއަގުވާމީ ކޯޓަކުން ކަނޑައެޅުނު ފުރަތަމަ ފަހަރެވެ.

މި ނިންމުމާ އެކު، ކަނޑުތަކާއި ކަނޑުތަކުގެ ދިރުންތައް ހިމާޔަތް ކުރުމުގައި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ކުދި ޖަޒީރާ ގައުމުތަކުން އިސްވެ ކުރަމުންދާ ވަކާލާތަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އަދި މޫސުމީ ބަދަލުތަކާ ގުޅުވައި އިޓްލޮސްއަށް ހުށަހަޅާފައި ހުރި އިތުރު މައްސަލަތައް ވެސް ކާމިޔާބު ކުރުމަށް މި ނިންމުމުން ފުރުސަތު ބޮޑުވާނެ ކަމަށް ވެސް ބެލެވެ އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުން ރަށް ގިރުމާއި، ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމުގެ ސަބަބުން ގާ ހުދުވުން ފަދަ ގިނަ ގޮންޖެހުންތަކާ ޖަޒީރާ ގައުމުތަކަށް ވަނީ ކުރިމަތިލާންޖެހިފަ އެވެ.