ސްރީ ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރަންތީ ރާޖަޕަކްސާ ހިންގަވާ ޗެރިޓީ ޖަމްއިއްޔާއަކަށް ލިބުނު އެހީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމަށް، އެ ގައުމުގެ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ބުދަ ދުވަހު އަންގައިފި އެވެ.

މިއީ އެ ގައުމުގެ ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ކުރިއަށް ގެންދާ ތަހުގީގެކެވެ.

ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަގެ ސަރުކާރުން ވަނީ، ސްރީ ލަންކާގެ ސިޔާސީ މައިދާ ގާތްގަނޑަކަށް 20 އަހަރު  ވަންދެން ކޮންޓްރޯލްކުރި ރާޖަޕަކްސާ އާއިލާގެ ބޭފުޅުންނާ ގުޅޭގޮތުން ކުރިއަށް ނުގޮސް ހުރި ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހުގީގުތައް އަލުން ފަށައިފަ އެވެ.

ރާޖަޕަކްސާ އާއިލާގެ ތަރުޖަމާނު މަނޯޖް ގަމަގޭ ކޮލަމްބޯގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، އުމުރުން 73 އަހަރުގެ ޝިރަންތީ ސިއްހީ ފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގަތުމަށް ބޯޓަށް އަރާވަޑައިގަންނަވަން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް، ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ) އިން ވަނީ ހާޒިރުވުމުގެ އަމުރު އޭނާއާ ހަވާލުކޮށްފައި ކަމަށެވެ.

"އޭނާ ބޯޓަށް އަރާވަޑައިގަންނަވަން މަދު މިނެޓުކޮޅަކަށް ވެފައި ވަނިކޮށް އެފްސީއައިޑީގެ ނޯޓިސް ވަނީ ހަވާލުކޮށްފައި،" ގަމަގޭ ވިދާޅުވި އެވެ.

ޝިރަންތީ ގައުމުން ބޭރަށް ވަޑައިގަންނަވަނީ ތަހުގީގަށް ފިއްލަވަން ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.

"އޭނާ ގައުމު ދޫކުރައްވައި ފިއްލަވަން އުޅުއްވަނީއެއް ނޫން، ވަޑައިގަންނަވަނީ ސިއްހީ ފަރުވާއަކަށް."

ފުލުހުން ބުނި ގޮތުގައި އެފްސީއައިޑީން ޝިރަންތީއާ ސުވާލުކުރަން ބޭނުންވަނީ، އޭނާގެ "ސިރިލިޔާ ސަވިޔާ" ޗެރިޓީން ރީޖަނަލް ކެންސަރު ހޮސްޕިޓަލަކަށް ޕީއީޓީ ސްކޭނަރެއް ހޯދުމަށް އެހީގެ ގޮތުގައި އެއްކުރި 10 މިލިއަން ރުޕީސް (30,750 ޑޮލަރު) އާ ގުޅޭގޮތުން ކަމަށެވެ.

ތަހުގީގުކުރާ ފަރާތްތަކުން ކޯޓުގައި ބުނެފައިވަނީ، އެ ސްކޭނަރަކީ ޗައިނާ ސަރުކާރުން އޭރު ވެސް ހަދިޔާކޮށްފައިވާ އެއްޗެއް ކަމަށެވެ. ނަމަވެސް އެ ޖަމިއްޔާއިން  ދިޔައީ އިތުރަށް އެހީ ހޯދައި، އެ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކުރަމުން ކަމަށް ތުހުމަތުކުރެވެ އެވެ.

ގަމަގޭ ވަނީ އެ މައްސަލައިގައި އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމަށް ބުނެ، ފައިސާއަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ލޮލުގެ ފަރުވާއެއް ހޯއްދަވަމުންދާ ޝިރަންތީ، ބޭސްފަރުވާގެ ކަންކަން  ނިމުމުން އެނބުރި ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމަށާއި، ފިއްލެވުމުގެ އެއްވެސް ގަސްދެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ އާއިލާގެ އިތުރު ބޭފުޅުންނަށް ވެސް ގާނޫނީ ގޮންޖެހުންތަކާ ވަނީ ކުރިމަތިލާންޖެހިފަ އެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން ތަހުގީގަށް ހާޒިރުކުރާއިރު އޭނާގެ ފިރިހެން ދަރިކަލުން އަދި އިދިކޮޅު މަޖިލިސް މެންބަރު ނަމާލް ރާޖަޕަކްސާގެ މައްޗަށް ކުރާ ތުހުމަތެއްގައި މިހާރު ވެސް ހުރީ ބަންދުގަ އެވެ. އެއީ ބައްޕާފުޅުގެ ރައީސްކަމުގައި، 2013 ވަނަ އަހަރު އެއާބަސް މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމަކާ ގުޅިގެން ރިޝްވަރު ނެގި ކަމުގެ ތުހުމަތުގައި ކުރާ ތަހުގީގަކަށެވެ.  އެއާބަސްގެ އެ މުއާމަލާތާ ގުޅިގެން ނަމާލްގެ މައްޗަށް ބުދަ ދުވަހު ވަނީ މަނީ ލޯންޑަރިންގެ އާ ދައުވާތަކެއް އުފުލައި، މި މަހުގެ 23 ގެ ނިޔަލަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

ރާޖަޕަކްސާ އާއިލާއިން އަބަދުވެސް ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކޮށް، އެ މައްސަލަތަކަކީ ސިޔާސީ މަގުސަދެއްގައި ކުރާ ކަންކަން ކަމަށް އަންނަނީ  ބުނަމުންނެވެ. ލަންކާގައި 2022 ވަނަ އަހަރު އާންމުން ކުރި މުޒާހަރާތަކާ ގުޅިގެން މަހިންދަ ރާޖަޕަކްސާގެ ކޮއްކޮ ގޯޓާބަޔާ ރާޖަޕަކްސާ ރައީސްކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އާއިލާގެ ނުފޫޒު ކުޑަވި ނަމަވެސް، 2005 އިން 2015 އަށް ރައީސްކަން ކުރެއްވި މަހިންދަ ރާޖަޕަކްސާއަކީ އަދިވެސް ސްރީ ލަންކާގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަ އެއް ލީޑަރެވެ. -- އޭއެފްޕީ