އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން (މިހާރުގެ ނަމުން ޔޫސުފް) ގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ނިންމައިފި އެވެ. 

މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރީ އޮކްޓޫބަރު، 2021 ގައި އޭނާގެ އަނބިމީހާ މޭރީއަށް ހަމަލާދީ މަރާލި ކަމަށް ބުނެ އެވެ.

މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފުލުހުންގެ ތަހުގީގަށްފަހު، މޭރީ މަރާލީ މާވިން ކަމަށް ދައުލަތުން ތުހުމަތުކުރި އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން، އެ މައްސަލަ ބައްލަވާ ގާޒީ މުޒައްމިލް ނާސިރު ވިދާޅުވީ މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ނެތް ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ ހެކިބަހުގައި ބުނެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުގައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. 

ގާޒީ ވިދާޅުވީ މޭރީއަށް ހަމަލާދިން މަންޒަރު ފެނުނު އެއްވެސް މީހަކު ނެތް ނަމަވެސް އޭނާ ދިރިހުއްޓާ އެންމެފަހުން ފެނުނީ އޭނާ ދިރިއުޅުނު ގެއަށް ވަންނަނިކޮށް ކަމަށެވެ. އަދި އޭރު މާވިން ވެސް އެ ގޭގައި ހުރިކަން ހެކިތަކުން އެނގޭއިރު، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކި ވާހަކަތަކަކީ ހަގީގަތް އޮޅުވާލައިގެން ދެއްކި ދޮގު ވާހަކަތަކެއް  ކަމަށް ގާޒީ މުޒައްމިލް ވިދާޅުވި އެވެ. 

ގާޒީ ވިދާޅުވި ގޮތުގައި މީހަކު ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް މާވިންގެ ފޯނުން ފެނިފައިވާއިރު، އެފަދަ ފޮޓޯތަކެއް ހުންނަންޖެހޭ ސަބަބެއް މާވިންއަށް ބުނެދެވިފައެއް ނުވެ އެވެ. އަދި މޭރީ މަރުވި ގޮތާ ގުޅޭގޮތުން ދޮގު ވާހަކަތަކެއް ދައްކައިގެން ހަގީގަތް ފޮރުވަން މަސައްކަތް ކޮށްފައިވާއިރު، އެ މައްސަލާގައި ލިބިފައިވާ ހެކިތައް ހުރީ މާވިންއާ ދެކޮޅަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. 

ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ހަވާލާ ދެއްވައި ގާޒީ ވިދާޅުވީ މަރުވި މީހާއާ އެކު އެންމެފަހުން އުޅުނު މީހަކީ ގާތިލް ކަމަށް، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ނިންމިދާނެ ކަމަށެވެ. އަދި މޭރީ އެންމެފަހުން ދިރިހުއްޓާ ފެނުނީ މާވިންއާ އެކު ކަން ހެކިތަކުން އެނގޭއިރު، އަދި މޭރީގެ މަރާ ގުޅޭގޮތުން ހަގީގަތް އޮޅުވާލާފައިވުމާއި އަދި ދެން ވެސް ހުރި ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބަލާއިރު މޭރީ މަރާލީ މާވިން ކަމަށް ބަލަންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.  

ގާޒީ ވިދާޅުވި ގޮތުގައި މާވިން އާއި އެ މައްސަލާގައި ދައުވާލިބޭ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން މޭރީ އާއި މާވިންއާ ދެމެދު ހަމަނުޖެހުންތަކެއް އޮތްކަން މާވިންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ވެސް އެނގެ އެވެ. އަދި ފިލިޕީންސްގައި، އަނބިމީހާ މަރުވުމުން ފިރިމީހާއަށް އެހެން ކައިވެންޏެއް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށްޓަކައި މާވިން މައުލޫމާތު ސާފު ކޮށްފައިވާ ކަން ހެކިތަކުން އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވެ، މާވިންގެ އަމަލުތަކާއި ފެންނަން ހުރި ހެކިތަކަށް ބަލާއިރު މޭރީ މަރާލުމުގެ ގަސްދު މާވިންގެ ކިބައިގައި އޮތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މާވިންގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ. 

ކުށް ސާބިތުވާ ކަމަށް ނިންމުމަށްފަހު އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމުން މާވިންގެ ވަކީލް އެދުނީ ދިރާސާ ކުރުމަށްފަހު އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށެވެ. އެހެންވެ، ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ.

އެ މައްސަލާގައި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. 

އެ މައްސަލާގައި މާވިންގެ އިތުރުން ދިވެހި ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ. ލަމްހާއަށް ދައުވާކުރީ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން، މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. ނަމަވެސް ލަމްހާގެ ބަޔާ މެދު ކޯޓުން މިހާތަނަށް ގޮތެއް ނުނިންމަ އެވެ. 

އެ މައްސަލާގައި ބަންދުގައި ހުއްޓާ މާވިން ވަނީ އިސްލާމްވެ، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފަ އެވެ. 

އެ މައްސަލާގައި އޮކްޓޫބަރު، 2021 ގައި މާވިން އާއި ލަމްހާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. އަދި ފަހުން ކްރިމިނަލް ކޯޓުން ލަމްހާ އެކިފަހަރު މަތިން ބަންދުން ދޫކުރި ނަމަވެސް ހައި ކޯޓުން ފަހުން ވަނީ ލަމްހާ ބަންދުކުރަން އަމުރުކޮށްފަ އެވެ.