އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި އޭނާގެ ފިރިމީހާއާއެކު ބައިވެރިވި މައްސަލާގައި ދަައުވާލިބޭ ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ނިންމައިފި އެވެ.
އޮކްޓޫބަރު، 2021 ގައި މޭރީއަށް ހަމަލާދީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) ގެ މައްޗަށް ދައުވާ ކުރިއިރު، ލަމްހާގެ މައްޗަށް ވެސް ދައުވާކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އެ މައްސަލާގައި މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައެޅުމަށް ފަހު، މީގެ އިރުކޮޅެއް ކުރިން ބޭއްވި މަޖިލީހުގައި ނިންމާފައިވަނީ ލަމްހާގެ މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވާ ކަމަށެވެ.
މާވިން އާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމި ނަމަވެސް އެ ދެ މީހުންނަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހު އެވެ.
ދައުލަތުން ތުހުމަތުކުރި ގޮތުގައި މާވިން އާއި ލަމްހާއާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވެ އެވެ. އަދި އެ ދެ މީހުން ރާވައިގެން މޭރީ މަރާލީ މާވިން ކަމަށާއި އަދި މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނެ އެކަން ރިޕޯޓްކުރީ މާވިން ކަމަށް ދައުލަތުން ބުނެ އެވެ. އަދި މޭރީ މަރާލި ވަގުތު މޭރީގެ ދަރިފުޅު ބެލެހެއްޓުމާ ލަމްހާ ހަވާލުވެ، އެ ކުއްޖާ ގޮވައިގެން އެހެން ގެއަކަށް ލަމްހާ ދިޔަ ކަމަށް ވެސް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި މާވިން އާއި ލަމްހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު ކްރިމިނަލް ކޯޓުން ފަހުން ލަމްހާ ބަންދުން ދޫކުރި އެވެ. ނަމަވެސް ހައި ކޯޓުން ފަހުން ވަނީ ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.