މާދަމާ ފަށާ މޯލްޑިވްސް ފުޑް ކާނިވަލުގައި ހުންނަ ދިރާގު ސްޓޯލުން ހާއްސަ ހަރަކާތްތަކާއި އޮފާތައް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުން ބުނީ އެ ސްޓޯލުގައި ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ފަރާތުން ފޯރިގަދަ ގޭމިން ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތުގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އަންނަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ ފުޑް ކާނިވަލްގެ ދިރާގު އެ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންނަށް އެ ކުންފުނީގެ އެންމެ ފަހުގެ ހިދުމަތްތަކާއި ހާއްސަ އޮފާތަކުގެ މައުލޫމާތާއި ހާއްސަ އިނާމުތައް ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ހިލޭ ޑޭޓާ އަދި ދިރާގުޕޭ އިން ދޭ ހާއްސަ ކޭޝްބެކް ރިވޯޑްސް ހޯދުމުގެ ފުރުސަތާއި ވަކިން ހާއްސަ ހިދުމަތްތަކަށް ސަބްސްކްރައިބް ކުރާ މީހުންނަސް އިތުރު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ. އެ ލަކީޑްރޯގައި ދިރާގު ހޯމް ސޮލިއުޝަންސް ބަންޑްލް އާއި ނެސްޕްރެސޯ މެޝިނު ފަދަ އަގުހުރި އިނާމުތައް ހިމެނެ އެވެ.
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ މި ފުޑް ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލުތައް ހުންނާނެ އެވެ. އެ އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއްތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ. ދިރާގަކީ މި އިވެންޓްގެ ޑިޖިޓަލް ޕާޓްނަރެވެ.