ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް  މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި ތިއްބާ ފެނިއްޖެ އެވެ. 

ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މަރުވި ފަސް މީހުންނަކީ ވެސް އިޓަލީގެ ޓޫރިސްޓުންނެވެ.

މި މީހުން ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ ފުލުހުން ބުނި ގޮތުގައި މިއަދު މެންދުރު ފަހު 1:45 އެހާއިރު އެވެ. އެ ރިޕޯޓާ އެކު، މީހުން ހޯދަމުން ދަނިކޮށް ފެނުނު އިރު އެންމެން ވެސް ތިބީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.  

އެނގިފައިވާ ގޮތުގައި "ޑިއުކް އޮފް ޔޯކް" ސަފާރީން ޑައިވިނަށް ދިޔަ މި ފަސް މީހުން ގެއްލުނީ އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށެވެ. އެ މީހުން ގެއްލިގެން ރިޕޯޓްކުރީ މެންދުރު ކުރީގެ ވަގުތެއްގައި ފޭބި ގޮތަށް މެންދުރު 12 ޖެހި އިރު ވެސް ނޭރުމުން ކަމަށް ވަނީ އެނގިފަ އެވެ. 

އެއްފަހަރާ ގިނަ ބަޔަކު މިގޮތަށް މަރުވުމުން، މިއީ "އޮކްސިޖަން ޓޮކްސިޓިސީ" ގެ ސަބަބުން ދިމާވި ކަމަކަށް ވެދާނެ ކަމަށް ބައެއް މީހުން ބުނެ އެވެ. މިއީ ގިނައިރުތަކެއް ވަންދެން، ހައި ކޮންސެންޓްރޭޝަންގެ އޮކްސިޖަން ބޭނުންކުރެމުން ދިމާވާ ނުރައްކާތެރި ކަމެކެވެ. މިހެން ވުމުން ސެލްތަކާއި ޓިޝޫތައް ހަލާކުވެފަ އެވެ. 

ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ. އެކަމަކު މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ. 

މި ހާދިސާ ހިނގި ސަރަހައްދުގެ މޫސުން ވެސް މިއަދު ގޯހެވެ. މެޓް އޮފީހުން މިހާރުވެސް އޮތީ އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފަ އެވެ. ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވެދާނެ ކަމަށް ވެސް އެލާޓްގައި ބުނެފައިވެ އެވެ.