އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާތީ ރައްދުގައި އެމެއިކާއިން އީރާންގެ ބަނދަރުތައް ބަންދުކޮށްފައި ބޭއްވުމުގައި އެމެރިކާގެ ކަނޑުގެ ސިފައިން އަމަލުކުރަނީ ކަނޑުފޭރޭ މީހުން ގޮތަށް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އެ އުޅަނދުތަކަށް މަތިން ފައިބައި އަހަރެމެން އެ އުޅަނދުގެ ކޮންޓްރޯލް ނެގީ. އޭގައި ހުރި މުދަލާއި ތެޔޮ ވެސް އަހަރެމެން ނެގިން. މިއީ ވަރަށް ފައިދާހުރި ވިޔަފާރިއެއް،" ފްލޮރިޑާގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
"އަހަރެމެންނަކީ ކަނޑުފޭރޭ މީހުން ކަހަލަ ބައެއް،" އެއްވެފައި ތިބި މީހުންގެ ތަރުހީބުގެ އަޑުގެ ތެރޭ ޓްރަމްޕު ވިދާޅުވި އެވެ. "އަހަރެމެންނަކީ ގޮތަކަށް ބަލާއިރު ކަނޑުފޭރޭ މީހުން. އެކަމަކު މި ކުޅެނީ ކުޅިވަރެއް ނޫން."
ޓްރަމްޕް އެމެރިކާގެ ކަނޑުގެ ސިފައިންގެ އަމަލުތައް ކަނޑުފޭރުމާ އަޅާކިޔުއްވި އިރު، އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އެ މަގުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް ތައްޔާރުވަމުން ދާތޫ ގާނޫނީ މާހިރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އީރާނުން މި މުހިންމު ކަނޑުއޮޅި ބަންދުކޮށްފައިވަނީ، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ވައިގެ ހަމަލާތަކަށް ފަހުގަ އެވެ. މި ކަނޑުއޮޅިއަކީ ތެލާއި ގޭސް އުފުލުމުގައި ދުނިޔޭގެ އެންމެ މުހިންމު އެއް މަގެވެ.
އެމެރިކާއިން އީރާންގެ ބަނދަރުތައް ބަންދުކުރީ ޕާކިސްތާނުގައި ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުލިބުމާ ގުޅިގެން، މިދިޔަ މަހު އެވެ.
މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާ، ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ނިޔަލަށް އެމެރިކާގެ 45 އަސްކަރީ އުޅަނދެއް ވަނީ މި ބްލޮކޭޑަށް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގޮތުން އެ ސަރަހައްދަށް އަލުން ގެނެސްފަ އެވެ.
ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މިދިޔަ އޭޕްރީލް މަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ބްލޮކޭޑް "ބާއްވަންޖެހޭ އެންމެ ގިނަ ދުވަހަކަށް ބާއްވާނެ" ކަމަށެވެ. އަދި އެމެރިކާގެ އެންމެ އިސް އަސްކަރީ އޮފިސަރު ޖެނެރަލް ޑޭން ކޭން ވިދާޅުވީ މި ފިޔަވަޅު "އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އަދި އެ ބަނދަރުތަކުން ނުކުންނަ ހުރިހާ އުޅަނދުތަކަކަށް ވެސް ހިނގާނެ" ކަމަށެވެ. އަދި މިކަމުގައި ވަކި ގައުމެއްގެ އުޅަނދެއް ތަފާތެއް ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މިކަމާ ގުޅިގެން އީރާނުން ބުނެފައިވަނީ، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރުން ކުރިއަށްގެންދާހާ ހިނދަކު، އެގައުމުން ވެސް ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށެވެ. -- އޭއެފްޕީ