އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ "ހުއްޓުމަކަށް ގެނެސްފައި" އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި އެވެ.
ޓްރަމްޕް، ކޮންގްރެސްގެ އިސްވެރިންނަށް ފޮނުއްވި ސިޓީއެއްގައި މިހެން ވިދާޅުވެފައި މި ވަނީ ހަނގުރާމަ އަށް 60 ދުވަސް ވުމުން، އެ ހަނގުރާމައެއް އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ ނަމަ ކޮންގްރެސްގެ ހުއްދަ ހޯދަން ގާނޫނުން ލާޒިމްކުރާއިރު އެކަން ކޮށްފައި ނެތުމުން ކޮންގްރެސްގެ މެމްބަރުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދަނިކޮށެވެ.
އެ ވަގުތު އެމެރިކާއަށް ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 އަށް (ރާއްޖޭ ގަޑިން މިއަދު ހެނދުނު 9:00 އަށް) ހަމަވާނެ އެވެ.
ހުކުރު ދުވަހު ހައުސްގެ ސްޕީކާ މައިކް ޖޯންސަން އާއި ސެނެޓްގެ ރައީސް ޕްރޯ ޓެމްޕޯ ޗަކް ގްރެސްލީއަށް ފޮނުއްވި ސިޓީތަކުގައި، ހަނގުރާމަ މެދުކަނޑާލަން ފުރަތަމަ އަމުރުކުރެއްވި ދުވަސް ކަމަށްވާ އެޕްރީލް 7 އިން ފެށިގެން އީރާނާ އެކު ވީ އެއްބަސްވުން އަދިވެސް ދެމި އެބަ އޮތް ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ.
"އެޕްރީލް 7، 2026 ގައި އަޅުގަނޑު ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް އަމުރުކުރިން. އެއަށްފަހު އެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެޕްރީލް 7، 2026 އިން ފެށިގެން އެމެރިކާގެ އަސްކަރިއްޔާ އާއި އީރާނާ ދެމެދު އެއްވެސް ވަރަކަށް ހަމަލާ ބަދަލުކޮށްފައެއް ނުވެ އެވެ. ފެބްރުއަރީ 28، 2026 ގައި ފެށުނު ހަނގުރާމައިގެ އަމަލުތައް މިހާރު ނިމިއްޖެ އެވެ."
މިކަން ލިޔުމުން ކަށަވަރުކޮށްދީފައި މިވަނީ، އޭގެ އެއް ދުވަސް ކުރިން ސެނެޓްގައި ބޭއްވި އަޑުއެހުމެއްގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތަށް ކުރިމަތިވެވަޑައިގެންނެވި ސުވާލުތަކަކާ ގުޅިގެންނެވެ. އެ އަޑުއެހުމުގައި، މި ހަނގުރާމަ 60 ދުވަހަށްވުރެ ދިގުލައިގެން ގޮސްފައިވާތީ، އެމެރިކާގެ 'ވޯ ޕަވާޒް' (ހަނގުރާމައިގެ ބާރުތަކާބެހޭ) ގާނޫނުގެ ދަށުން ކޮންގްރެސްގެ ރަސްމީ ހުއްދަ ހޯދަން ޖެހޭނެތޯ ސެނެޓަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ.
އިދިކޮޅު ޑިމޮކްރެޓުންގެ އިތުރުން ޓްރަމްޕުގެ ރިޕަބްލިކަން މެންބަރުން ވެސް މި ސުވާލު އުފައްދަ އެވެ.
ހަނގުރާމަ ނިމިއްޖެ ކަމަށް ސަރުކާރުން ރަސްމީކޮށް ބުނުމުން، މި މައްސަލާގައި ކޮންގްރެސް އާއި ވައިޓް ހައުސްއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ވަގުތީ ހައްލެއް ލިބުނު ނަމަވެސް، މުސްތަގުބަލުގައި މިފަދަ ކަންކަމުގައި ގާނޫނީ ހުއްދަ ހޯދުމުގެ މައްސަލަ އިތުރަށް ހޫނުވުމުގެ ފުރުސަތު އެބައޮތެވެ.
ޓްރަމްޕްގެ ސިޓީއާ ގުޅިގެން ސެނެޓްގެ ޑިމޮކްރެޓުންގެ ފަރާތުން ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އީރާނުން އެމެރިކާއަށާއި އަސްކަރިއްޔާއަށް ކުރިމަތިކުރާ ނުރައްކާ އަދިވެސް ބޮޑުކަމަށް ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ޓްރަމްޕު ވިދާޅުވީ، އެމެރިކާގެ ޚާރިޖީ ގުޅުންތައް ހިންގުމަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން، އެމެރިކާގެ ސިފައިންނަށް އަންގަންޖެހޭ އެންގުންތައް ގާނޫނީ ބާރުގެ ތެރެއިން އަންގަމުން ދާނެ ކަމަށެވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް ސެނެޓްގެ ޑިމޮކްރެޓުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ސެނެޓްގެ ޑިމޮކްރެޓިކް މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ ސޯޝަލް މީޑިއާގައި ދެއްވި ރައްދުގައި ވިދާޅުވެފައި ވަނީ މިއީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.
"މިއީ ގާނޫނާ ހިލާފު ހަނގުރާމައެއް. ރިޕަބްލިކަން މެމްބަރުން މިކަމަށް ތާއީދުކޮށް، މިކަން ކުރިއަށް ގެންދަން ފުރުސަތު ދޭ ކޮންމެ ދުވަހަކީ އާންމުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅި، ހަލަބޮލިކަން އިތުރުވެ، އަދި ތަކެތީގެ އަގު އުފުލިގެންދާ ދުވަހެއް. މިކަމުގެ ހުރިހާ އަގެއް އަދާކުރަން މި ޖެހެނީ އެމެރިކާގެ ރައްޔިތުންނަށް."
ސެނެޓްގެ އާމްޑް ސާވިސަސް ކޮމިޓީގެ އިސް މެމްބަރު ޖީން ޝެހީން ވެސް ވަނީ ރައީސް ޓްރަމްޕްގެ މި ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ހަނގުރާމަ ނިމިއްޖެ ކަމަށް ޓްރަމްޕް ވިދާޅުވުމަކީ ހަގީގަތާ މުޅިން ހިލާފު ވާހަކައެއް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.