ސުލްހަ ގާއިމުކުރުމަށް އީރާނުގެ އާ ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި އެކަމަކު އެ ހުށަހެޅުން ގަބޫލުކުރެވޭނެހެން ހީނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި ވާއިރު އީރާނުގެ އަސްކަރީ އިސް އޮފިސަރަކު ވަނީ އަލުން ހަނގުރާމަ ފެށުން "އެކަށީގެންވާ" ކަމެއް ވެސް ވިދާޅުވެފަ އެވެ. 

އީރާނުގެ ތަސްނީމް އަދި ފާސް ނިއުސް އެޖެންސީން ބުނި ގޮތުގައި މި ނުތަނަވަސްކަން އުފެދުނީ ސުލްހައިގެ މެދުރިއެއްގެ ގޮތުގައި މަސައްކަތްކުރާ  ޕާކިސްތާނަށް 14 ނުކުތާގެ އާ ހުށަހެޅުމެއް ފޮނުވި ފަހުންނެވެ. ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހުށަހެޅުމުގައި ހަނގުރާމައިގެ ހުރިހާ އަމަލުތަކެއް ހުއްޓާލުމާއި، ހޮރްމޫޒް ކަނޑުއޮޅި  ބެލެހެއްޓުމާ ބެހޭ އާ ކަންތައްތަކެއް ހިމެނެ އެވެ. 

"އީރާނުން ފޮނުވި ހުށަހެޅުން ވަރަށް އަވަހަށް މުރާޖައާ ކުރާނަން. ނަމަވެސް އެއީ ގަބޫލުކުރެވޭނެ އެއްޗެއް ކަމަކަށް ނުފެނޭ. އެއީ، ފާއިތުވި 47 އަހަރު ދުވަހުގެ ތެރޭގައި އިންސާނިއްޔަތަށާއި މުޅި ދުނިޔެއަށް އެ މީހުން ދިން ގެއްލުމުގެ އަގު އެ މީހުން އަދި އެކަށީގެންވާ މިންވަރަކަށް ދީފައިނުވާތީ،" ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމުގައި ވިދާޅުވި އެވެ.

ފްލޮރިޑާގެ ވެސްޓް ޕާމް ބީޗްގައި ނޫސްވެރިންނަށް ދެއްވި ކުރު އިންޓަވިއުއެއްގައި، އޭނާ ވަނީ އީރާނާ ދެކޮޅަށް އަލުން އަސްކަރީ ފިޔަވަޅު އެޅުމަށް މެދުވެރިވެދާނެ ކަމަކީ ކޮބައިކަން ހާމަކުރަން ދެކޮޅު ހައްދަވައިފަ އެވެ.

"އެމީހުން ގޯސްކޮށް އުޅެފި ނަމަ، ނުވަތަ ނުރަނގަޅު ކަމެއް ކޮށްފި ނަމަ، އެކަމަކު މިވަގުތު އަޅުގަނޑުމެން މި ތިބީ ބަލަން. އެކަމަކު އެއީ ވެދާނެ ކަމެއް،" އީރާނަށް އަލުން ހަމަލާ ދިނުން އެކަށީގެންވާ ކަމަށް އިޝާރާތްކުރައްވަމުން ޓްރަމްޕު ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށި މި ހަނގުރާމަ މިހާރު އޮތީ އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން މެދުކެނޑިފައެވެ. އަދި ޕާކިސްތާނުގައި ބޭއްވި ސުލްހައިގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ވަނީ ނާކާމިޔާބުވެފައެވެ.

ހޮނިހިރު ދުވަހު އީރާނުގެ އަސްކަރިއްޔާގެ މަރުކަޒީ ކޮމާންޑްގެ އިސް ބޭފުޅެއް ކަމަށްވާ މުހައްމަދު ޖަފަރް އަސަދީ ވަނީ އީރާނާއި އެމެރިކާއާ ދެމެދު އަލުން ހަނގުރާމައެއް ފެށުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

"އެމެރިކާއަކީ އެއްވެސް ވައުދަކަށް ނުވަތަ އެއްބަސްވުމަކަށް އިހުލާސްތެރިވާ ގައުމެއް ނޫންކަން ހެކިތަކުން އޮތީ އެނގެން،" އޭނާއާ ހަވާލާދީ ފާސް ނިއުސް އެޖެންސީން ބުންޏެވެ.

 "ދެމެހެއްޓެނިވި ގޮތެއްގައި ސުލްހައިގެ މަގު ހިޔާރުކުރުން ނުވަތަ ކުރިމަތިލުމުގެ މަގުގައި ކުރިއަށް ދިއުމަކީ އެމެރިކާގެ އަތްމަތީގައި އޮތް ކަމެއް،" ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ތެހެރާނުގައި ތިއްބެވި ޑިޕްލޮމެޓުންނަށް ވިދާޅުވި އެވެ .

އޭނާ ވިދާޅުވި ގޮތުގައި އީރާން އޮތީ މި ދެ މަގަށް ވެސް ތައްޔާރަށެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޯސް  އިން ހަފުތާގެ ކުރީކޮޅު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޮފް ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އަނބުރާ މަޝްވަރާ މޭޒަށް ގެނައުމަށް އެދިވަޑައިގެންފަ އެވެ.

އަނެއްކޮޅުން، އދ.ގެ އީރާން މިޝަން އިން ވަނީ އެމެރިކާގައި ނިއުކްލިއާ ހަތިޔާރުގެ ބޮޑު ސްޓޮކެއް ހުރި އިރު  އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަފާނެ ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަ އަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ދެފުށްދެގޮތްވުން ކަމަށް ބުނެފަ އެވެ. 

އީރާނުން ބުނީ، އދ. ގެ ނިއުކްލިއާ އިދާރާ (އައިއޭއީއޭ) ގެ ބެލުމުގެ ދަށުން ޔޫރޭނިއަމް ފައްކާކުރުމުގެ މިންގަނޑު ކަނޑައެޅުމުގައި އެއްވެސް ގާނޫނީ ހުރަހެއް އީރާނަށް ނެތް ކަމަށެވެ.