އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓްގެ ސަރުކާރު ސުކޫލްތަކުގައި ދޭ ހިލޭ ކޮއްތުން ކުކުޅުބިސް އުނިކޮށް، ހަމައެކަނި ތަރުކާރީގެ ކާނާ ނުވަތަ ވެޖިޓޭރިއަން އަށް ބަދަލުކުރުމުން އާންމުންގެ ބޮޑު ނުރުހުމެއް އަމާޒުވުމާ ގުޅިގެން އަލުން ބިސް ދޭން ފަށަން ނިންމައިފިއެވެ.

 ވެސްޓް ބެންގާލްގައި އެންމެ މަގުބޫލު ކާނާތަކުގެ ތެރޭގައި ހިމެނޭ ބިސް، ސުކޫލްގެ މެނޫއިން އުނިކުރީ ދާދިފަހުން އެ ސްޓޭޓްގެ ވެރިކަމަށް އައި ހިންދޫ ވަތަނީ ބީޖޭޕީގެ ސަރުކާރުން، ދީނީ ޗެރިޓިއަކާ ހަވާލުކުރުމާ އެކުގަ އެވެ.

މި ނިންމުން ބަދަލުކުރީ ޓީޗަރުންނާއި ކާނާގެ ނިއުޓްރިޝަންގެ ތަޖުރިބާކާރުންނާއި ބެލެނިވެރިންގެ ފާޑުކިޔުންތަކާ ގުޅިގެންނެވެ. އެފަރާތްތަކުން ބުނެފައިވަނީ ކާނާގެ ތެރެއިން ބިސް އުނިކުރުމުން ފަގީރު އާއިލާތަކުގެ ކުދިންނަށް ބޭނުންވާ މުހިންމު ޕްރޮޓީންގެ ބައި ގެއްލޭނެ ކަމަށެވެ.

ބުދަ ދުވަހު އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީ ވިދާޅުވީ އޯގަސްޓް މަހުން ފެށިގެން ސުކޫލް ކޮއްތުގައި އަލުން ބިސް ދޭން ފަށާނެ ކަމަށެވެ.

އަލުން ހަމަޖެއްސި އުސޫލުގެ ދަށުން، ދީނީ ޖަމިއްޔާއިން އަދިވެސް ދޭނީ ވެޖިޓޭރިއަން ކާނާ ކަމަށާއި ބިސް ފޯރުކޮށްދޭނީ، އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ސެލްފް-ހެލްޕް ގްރޫޕްތައް މެދުވެރިކޮށް ވަކި މަސައްކަތެއްގެ ގޮތުގައި ކަމަށް ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން އޯގަސްޓް 1 އިން ފެށިގެން އަންހެނުންގެ ސެލްފް-ހެލްޕް ގްރޫޕްތައް މެދުވެރިކޮށް މި ސުކޫލްތަކަށް ވަކިން، ކެއްކި ބިސް ފޯރުކޮށްދޭނެ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދިކާރީ ވިދާޅުވި އެވެ. އަދި ބައެއް ބެލެނިވެރިން ކޭންތަކުގައި ބިސް ހިމެނުމަށް ސަރުކާރުގައި އެދިފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 ދުނިޔޭގެ އެންމެ ބޮޑު އާބާދީގައި ކާނާ އާއި ދީން އަދި ނިއުޓްރިޝަނާ ގުޅޭގޮތުން ޒަމާނުއްސުރެ އޮންނަ ބަހުސް، ބިހުގެ މައްސަލާގައި އަލުން ފެށުނެވެ. ފާޑުކިޔާ ފަރާތްތަކުން ސަރުކާރަށް ތުހުމަތުކުރާ ގޮތުގައި، މިއީ ސުކޫލް ކުދިން މަޖުބޫރުން ވެޖިޓޭރިއަން ކުރަން އުޅުމުގެ އަމަލެކެވެ. 

އިންޑިއާގެ ގިނަ ހިންދޫންނަކީ އެއްގަމު އަދި ކަނޑު މަސް ކައި އުޅޭ މީހުންނެވެ. އަދި ހިންދޫން އާންމުކޮށް ވެޖިޓޭރިއަން ނޫން ކާނާއެއްގެ ގޮތުގައި ބަލާ ބިހަކީ، އިންޑިއާގައި ވަރަށް އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ.