އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރާ މުޒާހަރާތަކަކީ ގާނޫނާ އެއްގޮތަށް ކުރާ މުޒާހަރާތަކެއްތޯ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަންޖެހޭ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ގޮވާލައްވައިފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނުދޭކަމަށް ތުހުމަތުކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ނަމުގައި މަގުތަކަށް ނުކުމެ މިހާރު މުޒާހަރާތައް ކުރަން ޖެހޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މުޒާހަރާ ކުރަންޖެހޭ ކަންތައްތަކެއް ލިސްޓް ކުރެއްވުމަށްފަހު ފަލާހު ވިދާޅުވީ އެއިން އެއްވެސް ކަމެއް ރާއްޖޭގައި މިވަގުތު ނުހިނގާ ކަމަށެވެ.
"ސަރުކާރަކުން ސިޔާސީ ފަރާތެއް ޖަލަށް ލީކީއެއް ނޫން. ރައްޔިތަކަށް އަނިޔާވެރިވަނީކީ ނޫން، ގައުމަށް ގެއްލުމެއްވާ ކަމެއް ކުރަނީކީއެއް ނޫން،" ފަލާހު ވިދާޅުވި އެވެ.
ސަރުކާރުން ކުރާ ކަމަކީ ރާއްޖެއިން ދަރާފައި ހުރިި ދަރަނިތައް ދައްކައި، ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީތަކުގެ ޒިންމާދާރު ވެރިފަރާތަކީ އިލެކްޝަންސް ކޮމިޝަން އިލެކްޝަންސް ކޮމިޝަނުން މިއަދު ބަލަންޖެހޭ ސިޔާސީ ޕާޓީތަކުން މިވަގުތު މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައެއް ސިޔާސީ ޕާޓީތަކުން މިހިންގާ ހަރަކާތްތަކަކީ ސިޔާސީ ޕާޓީތަކާބެހޭ ގާނޫނު ހުއްދަކުރާ ހަރަކާތްތަކެއްތޯ" ފަލާހު ވިދާޅުވި އެވެެ.
އެ ޒިންމާ އީސީގެ ވެރިންނަށް ނުއުފުލޭނަަމަ އެ ބޭފުޅުން އެކަމާ ވިސްނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މުޒާހަރާތަކާ ހެދި ކިޔަވާކުދިންނަށާއި ރައްޔިތުންނަށް އުނދަގޫ ވާނަމަ އެކަން ހުއްޓުވުމަކީ އީސީގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލާހު އެގޮތަށް ވާހަކަ ދެއްކވިއިރު މިހާރު މުޒާހަރާ ކުރަމުން އަންނަނީ އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްކޮށް ހުންނަވާ އުފެއްދެވި ޕީއެންއެފުންނެވެ.