ހުޅުމާލޭގައި 70 މެގަވޮޓްގެ ކަރަންޓު އުފެއްދޭ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އަޒުވަރު ވިދާޅުވީ މާލޭ ސަރަހައްދުގެ އާބާދީ އިތުރުވަމުން އަންނައިރު މިހާރުން މިހާރަށް ގެންނަން ޖެހޭ އަޕްގްރޭޑުތައް އެބަހުރި ކަމަށެވެ.
މީގެ ކުރިން އާބާދީ އިތުރުވަމުންދިޔަ ދަނޑިވަޅުތަކުގައި ކޮންމެ ފަހަރަކު ވެސް ޖެހެނީ ހައި ސްޕީޑް ޖެންސެޓުތަކެއް ގެނެސްގެން އެއިން ކަރަންޓު ފޯރުކޮށްދޭން ކަމަށް އަޒުވަރު ވިދާޅުވި އެވެ.
އެހެންވެ، އަންނަ އަހަރާއި 2028 ގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ޕްލޭންކޮށްފައި ވަނީ މީޑިއަމް ސްޕީޑް ޕަވަ ހައުސްއެއް ހުޅުމާލޭ 2 ގައި ތަރައްގީކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭ 2 ގައި އިންޖީނުގެއެއް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށަން ނިންމާފައި ވާއިރު 2028 ގެ މެދުތެރޭގައި ފްލެޓުތަކުގެ މަސައްކަތް ނިންމައި، ފްލެޓް ލިބޭ މީހުންނަށް އެތަންތަން ހަވާލުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ އެ ސަރަހައްދުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވާނެ އެވެ.
އަޒުވަރު ވިދާޅުވި ގޮތުގައި މާލޭ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާތީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް އެހެން މަޝްރޫއުތަކެއް ވެސް ހިންގުމަށް ހަމަޖެހިފައިވެ އެވެ.
ހުޅުމާލޭ 2 ގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުން އެބަދެ އެވެ.
ހުޅުމާލެ 1 ގައި މިހާރު އާންމުކޮށް ބޭނުންކުރަނީ 50 މެގަވޮޓްގެ އިންޖީނުގެ އެވެ.