"ބީ" ގެ ނަމުގައި ނަހުލާ ލޯންޗް ކުރި ފިލްމުގެ ޕޯސްޓަރެއް: މި ނަމުގައި އެހެން ބަޔަކު ވަނީ ފިލްމެއް ރަޖިސްޓްރީކޮށްފައި
08 ޑިސެމްބަރ 2016 - 13:49
ފިލްމު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތުގެ ނަހުލާ "ބީ" ގެ ނަމުގައި ފިލްމެއް ލޯންޗްކޮށް، ފިލްމުގެ ތަރިން އިއުލާންކޮށް، ޕޯސްޓަރު ވެސް ދައްކާފައި ވަނިކޮށް، އެ ނަމުގައި އެހެން ބަޔަކު "ޖެއްސުމަށް" ފިލްމެއް ރަޖިސްޓްރީ ކުރުމަކީ ޖަރީމާއެއް ކަމަށާއި އޭގެ އަޑީގައި ތިބި ބަޔަކު ހާމަކޮށްދޭ މީހަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ދޭން އޭނާ ނިންމައިފި އެވެ.
ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ ލީޑް ރޯލް ކުޅޭ "ބީ: އަ ރިލޭޝަންޝިޕް މޭޑް އިން ހެވަން" ގެ ނަމުގައި ނަހުލާ ޕްރޮޑިއުސް ކުރާ ފިލްމު ލޯންޗް ކުރީ މިދިޔަ އޮކްޓޯބަރު 18 ވަނަ ދުވަހުގެ ރޭ އެޅުވި އޭނާގެ ބިރުވެރި ފިލްމު "4426" ގެ ޕްރިމިއާ ނައިޓްގަ އެވެ.
ނަހުލާ ބުނީ ފިލްމު ލޯންޗް ކުރި އިރު، "ބީ" އޮތީ ރަޖިސްޓްރީ ނުކޮށް ކަމަށެވެ.
ނަމަވެސް ފަހުން ފިލްމު ރަޖިސްޓްރީ ކުރަން ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އަށް ހުށަހެޅުމުން، އެ ނަމުގައި އެހެން ބައެއްގެ ފިލްމެއް ރަޖިސްޓްރީކޮށްދީފައިވާ ކަމަށް އޭނާ ބުންޏެވެ.
ނަހުލާ ތުހުމަތުކުރި ގޮތުގައި އެއީ އެންސީއޭ ވެސް އަޑީގައި އޮވެގެން، އޭނާގެ މަޝްރޫއުއަކަށް ހުރަސް އަޅަން ކުރި ކަމެކެވެ. ނަމަވެސް އެންސީއޭ އިން އެކަން ދޮގުކުރެ އެވެ.
އެންސީއޭގެ އިސް ވެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަދި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ވިދާޅުވީ "ބީ" ގެ ނަމުގައި ބަޔަކަށް ފިލްމެއް ރަޖިސްޓްރީކޮށް ދިނީ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.
"ނަހުލާ ނަން ރަޖިސްޓްރީ ނުކޮށް، ފިލްމް އިއުލާން ކުރުމަކީ އެންސީއޭ އާ ބެހޭ ކަމެއް ނޫން. އަދި އެއީ އެންސީއޭ އަށް އެނގެން ޖެހޭ ކަމެއް ވެސް ނޫން،" މުއާ ވިދާޅުވި އެވެ.
"ނަހުލާ އަށް ވުރެ ކުރިން އެހެން ބަޔަކު އެ ނަމުގައި ފިލްމެއް ރަޖިސްޓްރީ ކުރަން ފޯމް ހުށަހެޅީމަ އޮންނަ ތަރުބީތުން އުސޫލުގެ ތެރެއިން އެކަން ކޮށްފައި އޮންނާނީ. އެންސީއޭއަކީ ވަކި މީހަކަށް، ވަކި ބަޔަކަށް ބަލައިގެ މަސައްކަތް ކުރާ ތަނެއް ނޫން."
"ބީ"ގެ ނަމުގައި ފިލްމު ރަޖިސްޓްރީކުރީ ކޮން ބައެއް ކަމެއް މުއާ ހާމައެއް ނުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެފަދަ މައުލޫމާތު ދިނުމަކީ އެންސީއޭ އިން ކުރާ ކަމެއް ނޫން ކަމަށެވެ.
ނަހުލާ ބުނި ގޮތުގައި ބީގެ ނަމުގައި އޭނާ ފިލްމެއް ލޯންޗް ކުރިކަން، އަޑީގައި ތިބި ބަޔަކަށް ވެސް އެނގޭނެ އެވެ.
"އެހެންވެ ބަޔަކު އަދި ބީގެ ނަމުގައި ފިލްމެއް ރަޖިސްޓްރީ ކުރަން ހުށަހެޅިޔަސް، އެންސީއޭ އަށް ވެސް އެނގެން ވާނެ، ބީގެ ނަމުގައި ފިލްމެއް އިއުލާންކޮށް، އޭގެ މަސައްކަތް ފަށަން ތައްޔާރުވެފައި އޮތްކަން. މިއީ ސިއްރުންކޮށްފައި އޮތް ކަމެއް ނޫން،" ނަހުލާ ބުންޏެވެ.
އޭނާ ބުނީ އޮލިމްޕަހުގައި އެތައް ބައެއްގެ ކުރިމަތީގައި ބީ ލޯންޗުކޮށްފައި އޮއްވާ އެ ނަމުގައި އެހެން ބަޔަކު ފިލްމެއް ރަޖިސްޓްރީކުރާ އިރު އެންސީއޭ ވެސް އެއަށް ވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭނެ ކަމަށެވެ.
"އެކަން ކުރި ބަޔަކު އެބަ ޖެހޭ ޕަބްލިކަށް ވެސް އެނގެން. އެހެންވެ އަހަރެން ނިންމީ މި ވަރުގެ ކަމެއް ކުރި ބަޔަކީ ކޮން ބައެއްކަން އަހަންނަށް އެންމެ ފުރަތަމަ ސާފުކޮށްދީ، އަދި ޕަބްލިކަށް ވެސް ފަޅާއަރުވާލާ މީހަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭން،" ނަހުލާ ބުންޏެވެ.
"ޔޫސުފް" އާއި "ކަލާޔާ ނުލާ" އަދި "ޒުލޭހާ" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ނަހުލާ ބުނީ ބަޔަކު އޭނާ އާ ދެކޮޅަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް "ބީ" ކާމިޔާބު ކުރާނެ ކަމަށެވެ.
އަދި "ބީ"ގެ ނަން ހޯދަން ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެ ކަމަށާއި އެ ނަމުގައި ފިލްމެއް ވެސް ގެނެސްދޭނެ ކަމަށް ބުންޏެވެ.
"ބީ" އިއުލާންކުރީ އަންނަ އަހަރު އަޅުވާ ގޮތަށެވެ. އޭގެ ލަވަތައް ވެސް ހަދާފައިވާ ކަމަށް ނަހުލާ ބުންޏެވެ.
ޑައިރެކްޓަރު/ޕްރޮޑިއުސަރު ނަހުލާ: އެހެން ބަޔަކު "ބީ" ރަޖިސްޓްރީ ކުރީ އޭނާ އަށް ޖެއްސުމަށް ކަމަށް ބުނި
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޅިކަން
10 December 2016
ރަޖިސްޓްރީ ނުކޮށްފެށުމީ ތިމާގެ ގަޅިކަން/މޮޔަކަން، ދެން އެހެންބަޔަކަށް އެކަަން ރައްދުކުރަން އުޅުމުކީވެސް މޮޔަކަމެއް. ކިޔަންމެ ކާމިޔާބުމީހަކަށްވެސް ގޯހެއް ހެދިދާނެ. ރަނގަޅުގޮތަކީ އެއީގޯހެއްކަން ގަބޫލުކުރުން
އަލީ
10 December 2016
އެމްއެފްއޭގެ މަގާމަށް މުއާއާއި ވާދަކުރާތީ ބަދަލުހިފަންކުރިކަމަކަށްވާނީ. ނަހުލާ ހިއްވަރުކުރޭ. ނަހުލާގެ ފިލްމެއް ނާކާމިޔާބެއްނުވާނެ ބަޔަކު ކިތަންމެ ރުޅިއަޔަސް.
މިސްޓަރ ޖޭ
10 December 2016
ނަހޫ އާ ވާދަކުރެވޭވަރު މީހަކު ތިޔަ ފިލްމް އިންޑަސްޓްރީގައި ނޫޅެ.
ނުރަބޯ
10 December 2016
ނަހުލާގެ ހިތުގައި އޮތްއެއްޗެއް އެންސީއޭ އަށް އެނގޭނީ ކިހިނެތް.....؟
ވިސްނަމާ
10 December 2016
މައުލޫމާތު ހޯދާނެ އުސޫލުތަކެއް ކަނޑައެޅިފައޮވޭ. ހަމަ ފޯނެއް ކޮއްލާފަ މައުލޫމާތު ދޭށޭ ބުންޏަކަސް ނުދެވޭނެތާ. ހަރުފަތްތަކުން ދިޔައީމަ މައުލޫމާތު ލިބޭނެ. ތިވަރުން ބޭނުންވެގެން ތިއުޅޭބީ އެމީހުންވެސް އަޅުވާނެތާ. އެޅުވުމުގެ ކުރިން އިޝްތިހާރުވެސް ކުރާނެތާ. ކިތަންމެ ފިލްމެއް އެބަހުރި އަޅުވަން ވެގެން އިޝްތިހާރުކޮށްފަ. އަދި އެފިލްމުތައް ވަރަށް ކާމިޔާބުވެސްވެފަ ހުރީ. ކޮންމެއަކަސް ނަހުލާ ފިލްމުހެދުން ހުއްޓާލުމަކީ އަޅުގަނޑު ވަރަށް އުފާވާނެކަމެއް. ފިލްމެއްގެ އިޝްތިހާރެއްވެސް ދަރިން ތިއްބާ ބަލާލާކަށްނުކެރޭ. އޮޅުލާވަރުން.
ބިންބިކުޑޭ ފިލްމު އެންކުއަލިސްޓް
10 December 2016
ތިކަހަލަ ނަންނަމުން ވަރަށް ނޭދެވޭ އަސަރު ކުރާނެ....ހުރިހައި ޒުވާނުންވެސް ބީ ކިޔާ ޒާތުގެ އެއްޗެށް ހޯދަން ދުވެ ނަގާއިރު.....އެކަހަލަ ބީ ކިޔާ ޒާތުގެ އެއްޗެށް ބޮޑު ފޮށްޓަށްލައި ތަޅުއަޅުވައި ބޭއްވުމަކީ ވަރަށް ނާދިރު ކަމެށް....
ރޯޒް
10 December 2016
ވާނީ ޖެއްސުމަކަށް.. އެކަމަކު ތިޔައީ ނަހުލާއަށް ލިބުނު ފިލާވަޅެއް.. ދެން ކުރާނެ ކަމެއްނެތް.. މުަޢާ ތިމަޢުލޫމާތު ހިފަައްޓަނީ ކީއްވެތޯ؟ ތީ ޕަބްލިކު ކުރަންޖެހޭ މައުލޫމާތެއް ނޫންތޯ؟ ސަރުކާރުން މައުލޫމާތު ހިއްސާ ކުރަން ޖެހޭ ގާނޫނުގެ ދަށުން ތިމަޢުލޫމާތު ހޯދަން ހުށަހެޅޭނެ.
އަސްލު
10 December 2016
"އަސްލު ބީ" ކިޔާލާ. އޭރުން ނިމުނީ އެއްނު. އަތުުން އެއްޗެއްވެސް ނުދާނެ.
ޒަމް
09 December 2016
ބީގެ ނަމުގައި ފިލްމެއް ރަޖިސްޓްރީކުތިބަޔަކު އެފިލްމެއް ނެރެންވެއްޖެތާ. ސިއްރުން ރަޖިސްޓްރީކޮށްފަ ފިލްމުވެސް ސިއްރުކުރީބާ!
ސަހަލު
09 December 2016
ތި ކަމުގެ މައްޗައްވެސް ފިލްމެއް ހަދަންވީނުން.. "އެ ނަން" ނޫނީ "އެބީ" ކިޔާނީ....