އަލިޒޭ އަކީ ސަލްމާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލްވިރާގެ ދެ ދަރިންގެ ތެރެއިން ހަގު ދަރިފުޅު
އަލިޒޭ.
30 ނޮވެމްބަރ 2021 - 06:28
ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ބޮލީވުޑަށް ނެރޭ ފިލްމު އަންނަ މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމަކީ ސަލްމާންގެ ފިލްމު ކުންފުނި އެސްކޭ ފިލްމްސް އާއި އަލިޒޭގެ މައިންފައިން ކަމަށްވާ ޕްރޮޑިއުސަރު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީ އާއި އަލްވިރާ ޚާންގެ ފިލްމު ކުންފުނި ރީލް ލައިޕް ޕްރޮޑަކްޝަން ގުޅިގެން ހަދަން ނިންމާފައިވާ އެއްޗެކެވެ. އަލިޒޭގެ މަންމަ އަލްވިރާ އަކީ ސަލްމާންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ.
އެ އާއިލާ އިން އަންހެނަކު ބޮލީވުޑަށް ނުކުތުމުގެ ޝަރަފު ފުރަތަމަ ލިބޭ އަލިޒޭ ލޯންޗް ކުރަން ތައްޔާރުވާ އިރު، ދާދި ފަހުން އޭނާ ގަހަނާ ބްރޭންޑެއްގެ އިޝްތިހާރަކުން ވެސް ފެނިފައިވެ އެވެ. އަލިޒޭ ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ ދެކެވެނީ 2019 އިން ފެށިގެންނެވެ.
ބައްޕަ އަތުލްއާ އެކު އަލިޒޭ.
މިދިޔަ އަހަރު އެރި އެއް އަޑަކީ 1989 ގެ ފިލްމު "މޭނޭ ޕިޔާރު ކިޔާ" އިން ސަލްމާން ސުޕަސްޓާރަކަށް ހަދައިދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނޭޝް ބަރްޖަތިއާގެ އަލަތު ޑައިރެކްޝަންގެ ބަތަލާއަކަށް އަލިޒޭ ނަގަން ނިންމި ވާހަކަ އެވެ.
އެ ފިލްމަކީ ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ނެރޭ ފިލްމު ވެސް މެ އެވެ. މި އަހަރުގެ އެޕްރީލްގައި އެކަން ސޫރަޖްގެ ފިލްމު ކުންފުނި، ރާޖްޝްރީން އިއުލާންކުރި ނަމަވެސް އަވްނީޝްގެ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފަހުން ހާމަކޮށްފައެއް ނުވެ އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި އަލިޒޭ، 21، ބޮލީވުޑަށް ނެރެން އާއިލާ އިން ހަދާނީ ރޮމޭންޓިކް ޖޯންރާގެ ލައިޓްހާޓެޑް ފިލްމެކެވެ. އޭނާ މިހާރު އެކްޓިން އާއި ނެށުމާއި ޑްރާމާ ކުލާސްތައް ނަގަމުން އަންނަތާ ވެސް މިހާރު ދެ އަހަރަށްހާ ދުވަސްވެއްޖެ އެވެ. އެހެންވެ އަލިޒޭ މިހާރު ހުރީ އެކްޓިން ދަތުރު ފަށައިގަންނަން ރަނގަޅަށް ފައްކާވެފަ އެވެ. އަލިޒޭ އަކީ އަލްވިރާ އާއި އަތުލްގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. ދޮއްޓަށް ހުންނަނީ އަޔާން އަގްނިހޯތުރީ، 23، އެވެ.
މީޑިއާތަކުން ބުނީ އަލިޒޭ ލޯންޗްކުރާ ފިލްމު އަންނަ މަހު އިއުލާންކުރިޔަސް އޭގެ ޝޫޓިން ފަށާނީ އަންނަ އަހަރު އެވެ. އަދި ސިނަމާތަކަށް ފިލްމު ގެންނާނީ 2023 ގަ އެވެ.
ސަލްމާންގެ އާއިލާ އިން އެންމެ ފަހުން އެކްޓިން އަށް ނުކުތީ އަރްޕިތާ ޚާންގެ ފިރިމީހާ އާޔޫޝް ޝަރުމާ އެވެ. އެއީ ސަލްމާން 2018 ގައި ޕްރޮޑިއުސްކުރި "ލަވްޔާތުރީ" އިންނެވެ. އާޔޫޝްގެ ދެވަނަ ފިލްމަކީ ސަލްމާނާ އެކު ކުޅުނު އަދި މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy