23 ޑިސެމްބަރ 2021 - 06:24
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އަކްޝޭ ކުމާރުގެ ކާމިޔާބު ފިލްމު "ރައުޑީ ރާތޯޑް" ގެ ދެވަނަ ބަޔަށް ތައްޔާރުވާކަން ކަށަވަރުކޮށް ދީފި އެވެ.
ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށް، ޕްރަބޫދޭވާ ޑައިރެކްޓްކުރި ފިލްމުގެ ސީކްއެލްއެއް ގެނެސްދޭނެ ވާހަކަ މީގެ ތިން އަހަރު ކުރިން ދެކެވިފައި ވަނިކޮށް ސްކްރީން ރައިޓަރު ކޭވީ ވިޖެންދުރަޕްރަސާދު ވަނީ "ރައުޑީ ރާތޯޑް 2" ގެ ސްކްރީންޕްލޭގެ މަސައްކަތް ކުރިއަށްދާކަން ކަށަވަރުކޮށް ދީފަ އެވެ.
ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" އާއި ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ އިތުރުން "ތަލައިވީ" ގެ ސްކްރީން ރައިޓަރު ބުނީ "ރައުޑީ ރާތޯޑް 2" ގެ ސްކްރީންޕްލޭގެ މަސައްކަތް ބަންސާލީގެ އެދުމުގެ މަތިން ކުރިއަށްދާއިރު، ވަރަށް އަވަހަށް ފައިނަލް ޑްރާފްޓާ ހަމައަށް ދެވޭނެ ކަމަށެވެ.
އަކްޝޭ އާއި ސޮނާކްޝީ ސިންހާ ލީޑް ރޯލު ކުޅުނު "ރައުޑީ ރާތޯޑް" އަކީ 2006 ގެ ތެލެގޫ ފިލްމު "ވިކްރަމަރުކުޑޫ" ގެ ރިމެކެކެވެ. އޭގެ ޑައިރެކްޓަރަކީ ވިޖެންދުރަ ޕްރަދާސާދުގެ ސްކްރީންޕްލޭތަކަށް "ބާހްބަލީ" ގެ ދެ ފިލްމު ވެސް ޑައިރެކްޓްކުރި އޭނަގެ ދަރިފުޅު އެސްއެސް ރާޖަމޯލީ އެވެ.
"ވިކްރަމަރުކުޑޫ" އަކީ މަޝްހޫރު ތެލެގޫ އެކްޓަރު ރަވީ ތޭލާ ލީޑް ރޯލު ކުޅުނު ފިލްމެކެވެ.
އަކްޝޭގެ "ރައުޑީ ރާތޯޑް" އަކީ 60 ކްރޯޑް ރުޕީސް (7.94 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި 218 ކްރޯޑް ރުޕީސް (28.86 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy