މި ރެއަކީ ފިލްމީ ދާއިރާ އަށް މި އަހަރު އަންނާނެ އެންމެ ބޮޑު ރެ އެވެ. އެންމެ ކުލަ ގަދަ އަދި އެންމެ އުފާވެރި ރެ އެވެ.
މި އަހަރުގެ އަށް ވަނަ އަދި ފަހު ފިލްމް އޮލިމްޕަހުގައި ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ އިރު، ގައުމީ އެވޯޑް ހަފުލާ އިން އަހަރު ނިމިގެން ދިއުމަކީ މި ދާއިރާގެ މީހުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިއީ ފިލްމީ ދާއިރާގެ ކާމިޔާބީތަކުގެ ލިސްޓަށް އިތުރުވެގެން ދާނެ ބޮޅެއް ވެސް މެ އެވެ.
ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ބާއްވާ އެވޯޑް ހަފުލާ މިރޭ އޮންނާނީ ދަރުބޭރުގޭގަ އެވެ. މި ހަފުލާ ވީހާ ވެސް ފުރިހަމަކޮށް، ކުލަގަދަ އަދި ކާމިޔާބު ހަފުލާއަކަށް ހަދާނެކަމުގެ ޔަގީންކަން އެންސީއޭ އާއި ޕީއެސްއެމުން ވަނީ ދީފަ އެވެ.
އެހެންވެ، އެވޯޑް ހަފުލާ ބާއްވާނެކަން ކަށަވަރުވުމާ އެކު، ފަންނާނުން ވަނީ ހަފުލާ އަށް ދާން ތައްޔާރީތައް ފަށައިފަ އެވެ. ހާއްސަކޮށް ބަތަލާއިންނާއި ބަތަލުންނެވެ.
މާޒީގެ އެވޯޑް ހަފުލާތަކަށް ބަލާ އިރު މިކަން އޮންނާނީ ފާހަގަ ކުރެވިފަ އެވެ. އެވޯޑް ހަފުލާ އަށް ތަރިން އަޅާ ހެދުމުން އެކަނި ވެސް އެ ހަފުލާގެ މުހިއްމުކަން ސާބިތުކޮށްދެ އެވެ.
މިރެއަކީ އަނެއްކާވެސް ދަރުބާރުގޭގެ ރެޑް ކާޕެޓުން ވަރަށް ތަފާތު ހެދުންތަކެއް ފެނިގެން ދާނެ ރެއެއް ކަމަށް އުންމީދު ކުރަމާ ހިނގާށެވެ. ތަރިންގެ ހެދުންތައް ތައްޔާރުކޮށް ދޭން ޑިޒައިނަރުން ކޮށްފައި ހުރި މަސައްކަތްތަކާއި ތަރިން ހެދުން އަޅާ ގޮތް ވެސް މިރޭ ފެޝަން ޕޮލިހުން "ތަހުގީގު" ކުރާނެ އެވެ.
މަޝްހޫރު ފެޝަން ޑިޒައިނަރުންގެ ތެރެއިން ރަޒީނާ ތައުފީގް، މުހައްމަދު ރިފްއަތު، ޖާދުﷲ އިސްމާއީލް (ޖާދު)، ނާޒިޔާ ހަސަން، ސޭންޑީ އަދި އިސްމާއީލް ޖުމައިހް (ޖުމާ) ފަދަ މީހުންގެ ހެދުންތައް މިރޭ ފެންނާނެކަން ޔަގީނެވެ.
ބަތަލާ ރިޝްމީ ރަމީޒް މިރޭ ވެސް ފެންނާނީ އޭނާގެ ފެވަރިޓް ޑިޒައިނަރު ރިފްއަތުގެ ހެދުމެއްގަ އެވެ. އޭނާއަކީ އެވޯޑް ހަފުލާތަކުގައި އާންމުންގެ ސަމާލުކަން ލިބޭ ގޮތަށް އަބަދުވެސް ހެދުން އަޅާ ތަރިއެކެވެ.
"މި ފަހަރު ވެސް ހަމަ ރިއްފަތުގެ ގައުންއެއްގައި ފެންނާނީ. ވަކި ތަފާތު ހެދުމަކުންނޭ ފެންނާނީ ބުނާ ހިތެއް ނެތް. ނިވާކަން ބޮޑު އަދި ގަޔަށް ވެސް ފަސޭހަ ހެދުމެއް މި ފަހަރު ވެސް ރިއްފަތު ތައްޔާރުކޮށް ދީފައި އޮތީ. ވަރަށް ހިތްހަމަޖެހޭ ހެދުމާ ދޭތެރޭ،" ދެ ފިލްމަކު އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ މަގާމަށް ވާދަ ކުރާ ބަތަލާ ބުންޏެވެ.
ރިޝްމީ އަދި ބުނީ އެވޯޑް ހަފުލާތައް ކަހަލަ އިވެންޓްތަކުން އަބަދުވެސް ތަފާތު ޑިނައިޒަރުންގެ އުފެއްދުންތައް ފެންނާތީ މިރޭ ވެސް އެކަހަލަ ރެއަކަށް ވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު ބުނީ "މި ރޭގެ އެވޯޑް ހަފުލާ ވަރަށް ސަޅި ވާނެ ކަމަށް އުންމީދު" ކުރެވޭ ކަމަށެވެ.
"ހާއްސަކޮށް ފަންނާނުންގެ ޑްރެސް ކޯޑަށް ބަލައިފި ނަމަވެސް މިރޭ ތަފާތުތަކެއް ފެނިގެން ދާނެ. ވަރަށް ލުކް ފޯވާޑް އެބަ ކުރަން ހަފުލާ އަށް"، ފިލްމް "ލަވް ސްޓޯރީ" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް ވާދަ ކުރާ ޑައިރެކްޓަރު ބުންޏެވެ. "އެވޯޑް ހަފުލާތަކަކީ އަބަދުވެސް ތަފާތު ޑްރެސްތަކެއް ފެންނަ ހަފުލާތަކެއް. މިރޭ ވެސް ހަމަ އެ ތަފާތު ފެންނާނެ ކަމަށް ގަބޫލު ކުރެވޭ."
ފައްތާހު ބުނީ އޭނާ ވެސް ތަފާތު ގޮތަކަށް ފެނިދާނެ ކަމަށެވެ.
"ދެން އެހާ އެހާ ތަފާތު ވެދާނެއެކޭ ނުބުނާނަން. އެކަމަކު ހަފުލާއާ ގުޅޭ ކަހަލަ ގޮތަކަށް ފެންނާނެ،" ފެޝަން ޑިޒައިނަރު ނާޒިޔާގެ ވަރަށް ބޮޑު ފޭނެއްކަން ފާހަގަކޮށް ފައްތާހު ބުންޏެވެ.
ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް ބާއްވަނީ 2011-2013 އަށް ރިލީޒްކުރި ފިލްމްތަކަށް ހާއްސަކޮށްގެންނެވެ. އެވޯޑަށް 11 ފީޗާ ފިލްމާއި ކުރު ހަ ފިލްމް ވާދަ ކުރެ އެވެ.
ޖުމްލަ 21 ކެޓަގަރީއަކުން އެވޯޑް ދޭ އިރު، އެވޯޑު އުފުލައިލާނެ ބަޔަކު ބެލުމަކީ މިރޭގެ އެންމެ ބޮޑު އިންތިޒާރަށް ވާނެ އެވެ.
ހަމަ މިއާ އެކު މިރޭ ސްޓޭޖުން ފެންނަ ޕަފޯމަންސްތަކަކީ ވެސް ބަލައިލާ ހިތްވާ ކަހަލަ އައިޓަމްތަކަކަށް ވާނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ.