"ވިޝްކާ" އަންނަ ހޯމަ ދުވަހު ބައިސްކޯފަށް

މިދިޔަ އަހަރު ބޭއްވި ނުވަަ ފިލްމު ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމާ އެކު ގިނަ އެވޯޑްތަކެއް ހޯދި ފިލްމު "ވިޝްކާ" މި މަހު ބައިކޯފުން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.


މިހާރު ގިނަ އަދަދެއްގެ ދިވެހި ފިލްމުތަކާއި ސީރީތަކުގެ އިތުރުން ވެސް މުނިފޫހި ފިލުވައިދޭ ގިނަ އުފެއްދުންތަކެއް ގެނެސްދޭ ބައިސްކޯފުން ބުނީ 2017 ގައި އެޅުވި "ވިޝްކާ" ސްޓްރީމްކުރަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ.

މި ފިލްމަކީ ބަތަލާ އައިޝަތު ރިޝްމީ ޓައިޓްލް ރޯލް ކުޅެ، އޭނާގެ އާއިލީ ފިލްމު ކުންފުނި ޔާރާ ޕްރޮޑަކްޝަނުން ގެނެސްދިން ކްރައިމް ތުރިލާއެކެވެ. މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހެދި "ވިޝްކާ" ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ކުޅުނީ ރަވީ ފާރޫގެވެ. އަދި މީގެ ވަރަށް މުހިއްމު ރޯލެއް އަހުމަދު ސައީދު ވެސް ކުޅެފައިވެ އެވެ.

"ވިޝްކާ" އިން 2017 ގައި ރިޝްމީ އަށް ސާކް ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ މަގާމު ވެސް ލިބިފައިވެ އެވެ. އެއީ ރާއްޖޭގެ ބަތަލާއަކަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގައި "ވިޝްކާ" ގެންދިޔަ އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ (މަރިޔަމް ރިފްގާ)، އެންމެ މޮޅު އާޓް ޑައިރެކްޝަން (އަހުމަދު މުހައްމަދު އިމާދު)، އެންމެ މޮޅު ކޮސްޓިއުމް (ނޫރާ/ ރިއްފަތު/ވިޝާމް)، ބެސްޓް ސައުންޑް ޑިޒައިން (މުހައްމަދު އިކްރާމް) އަދި އެންމެ މޮޅު ސިނަމަޓޯގްރަފީ (މަދޮށިޕް ސްޓޫޑިއޯ) ހިމެނެ އެވެ.