ޑައިރެކްޓަރު އަނީސް ބަޒްމީ 2005 ގައި ރިލީޒްކުރި ފިލްމު "ނޯ އެންޓްރީ"ގެ ދެވަނަ ބައިގައި ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަޝްހޫރު ސަމަންތާ އާއި ރަޝްމިކާ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަލްމާން ޚާނާއި އަނިލް ކަޕޫރް އަދި ފަރްދީން ޚާން ލީޑު ރޯލު ކުޅޭ އެ ފިލްމުގެ ދެވަނަ ބަޔަށް ދީފައިވާ ނަމަކީ "ނޯ އެންޓްރީ މެއިން އެންޓްރީ" އެވެ.

އެ ފިލްމުގެ ދެވަނަ ބައިގެ ލީޑު 10 އަންހެން ތަރިން ފެންނާނެ ކަމަށްވެ އެވެ. އޭގެ ތެރޭގައި ސަމަންތާ، ރަޝްމިކާ، ޕޫޖާ ހެޖް އަދި ތަމަންނާ ބާތިއާ ހިމެނޭ ކަމަށްވެ އެވެ.

އެކަމަކު ފިލްމުގެ ލިޑު އަންހެން ތަރިން މިހާތަނަށް ރަސްމީކޮށް އިއުލާންނުކުރެ އެވެ.

ކުރިން އަޑުއެރި ގޮތުގައި ބިޕާޝާ ބާސޫ، ލާރާ ދައްތާ، އީޝާ ޑިއޯލް އަދި ސެލީނާ ޖައިތުލޭ ވެސް އެ ފިލްމުން ފެންނާނެ އެވެ. އެއީ އެ ފިލްމުގެ ފުރަތަމަ ބައިން ވެސް ފެނުނު ތަރިންނެވެ.

އަނީސް ބަޒްމީ ކުރިން ބުނެފައި ވަނީ އެ ފިލްމުގެ ދެވަނަ ބައިގެ ސްކްރިޕްޓް ނިމިފައިވާ ކަމަށާއި ސަލްމާނަށް ސްކްރިޕްޓް ވަރަށް ކަމުދާ ކަމަށެވެ.

އެ ފިލްމު ރިލީޒްކުރާނީ މި އަހަރުގެ ފަހުކޮޅުގަ އެވެ.