އިންޑިއާގެ މަޝްހޫރު ވެބް ސީރީޒް "މިރްޒާޕޫރު"ގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "މިރްޒާޕޫރު: ދަ މޫވީ" ސިނަމާތަކުގައި ދައްކަން ފެށިތާ ހަފުތާއެއް ނުވަނީސް 100 ކްރޯޑު ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "މިރްޒާޕޫރް: ދަ މޫވީ" ރިލީޒްކުރިތާ އެންމެ ހަތަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ބޮކްސް އޮފީހުގައި 100 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައިވާ ކަމަށެވެ.
އެ ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު ވެސް ވަނީ އަންދާޒާކުރި ވަރަށް ވުރެ އިތުރަށް، 25.75 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފަ އެވެ. އެއަށް ފަހު މިދިޔަ ހޮނިހިރު ދުވަހު 32 ކްރޯޑު ރުޕީސް އަދި މިދިޔަ އާދީއްތަ ދުވަހު 36 ކްރޯޑް ރުޕީސް ލިބިފައިވާއިރު، އިއްޔެ ވެސް ވަނީ 15.50 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދައިފަ އެވެ.
އެއާ އެކު، މި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 109.25 ކްރޯޑު ރުޕީސް (11.6 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.
"މިރްޒާޕޫރު: ދަ މޫވީ" އުފެއްދީ 80-250 ކްރޯޑު ރުޕީސް (8.5-26.5 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ.
އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އާއި އެކްސެލް އެންޓަޓެއިންމަންޓް ގުޅިގެން އުފެއްދި މި ފިލްމަކީ ގުރްމީތު ސިންގް ޑައިރެކްޓްކޮށް، ޕަންކަޖް ތުރިޕާޓީ، އަލީ ފަޒާލް، ދިވްޔެންދޫ އަދި ޝްވޭތާ ތުރިޕާޓީ މުހިންމު ރޯލުތައް ކުޅެފައިވާ ފިލްމެކެވެ.
މީގެ އިތުރުން، ކުރިން ވިކްރާންތު މެސީ ކުޅުނު "ބަބްލޫ ޕަންޑިތު"ގެ ރޯލުން މި ފިލްމުގައި ފެންނަނީ ޖިތެންދުރަ ކުމާރެވެ. އަދި އާ ކެރެކްޓާއެއްގެ ގޮތުގައި ރަވީ ކިޝަން ފެންނައިރު، ސީރީޒުން ފެނުނު އަބީޝެކް ބެނާޖީ، ރަސިކާ ދުގަލް، ޝީބާ ޗައްޑާ، ރާޖޭޝް ތައިލަންގް، ޝްރިޔާ ޕިލްގާއޮންކަރު އަދި ހަރްޝިތާ ޝޭކަރު ގޯރު ވެސް މުހިންމު ރޯލުތަކުން މި ފިލްމުގައި ފެނެ އެވެ.