މި އަހަރުގެ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ބޮލީވުޑްގެ ދެ ފިލްމު ކަމަށްވާ އިމްރާން ހާޝްމީގެ "އާވާރާޕަން 2" އާއި ސަނީ ޑިއޯލްގެ "ބަޓްވާރާ 1947"ގެ ބޮކްސް އޮފީހުގެ ކުރިމަތިލުން ފޯރިގަދަވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ކުރިމަތިލުމުގައި ފުރަތަމަ ދެ ދުވަހު ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ އިމްރާންގެ "އާވާރާޕަން 2" އެވެ.

މީގެ 19 އަހަރު ކުރިން 2007 ވަނަ އަހަރު ނުކުތް މަޝްހޫރު ފިލްމު "އާވާރާޕަން"ގެ ސީކުއެލް "އާވާރާޕަން 2" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ފިލްމު ނެރުނު ފުރަތަމަ ދުވަހު އެކަނިވެސް އިންޑިއާ އިން އެކަނި 22 ކްރޯޑު ރުޕީސް (2.3 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. އަދި ދެވަނަ ދުވަހު ލިބުނު އާމްދަނީއާ އެކު، އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި މިހާތަނަށް ވަނީ 72 ކްރޯޑު ރުޕީސް (7.54 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.

ފިލްމުގެ އެކްޝަން މަންޒަރުތަކާއި މިއުޒިކް އަދި އިމްރާންގެ އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

"އާވާރާޕަން 2" އަކީ 25-45 ކްރޯޑު ރުޕީސް (2.62-4.71 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.

ރާޖްކުމާރު ސަންތޯޝީ އުފައްދައި އާމިރު ޚާން ޕްރޮޑިއުސްކުރި ތާރީޚީ ފިލްމު "ބަޓްވާރާ 1947" އަށް ފުރަތަމަ ދުވަހު ލިބުނީ މަޑުޖެހުމެކެވެ. ފުރަތަމަ ދުވަހު އިންޑިއާ އިން 5.75 ކްރޯޑު ރުޕީސް (602,410 ޑޮލަރު) ލިބުނު ނަމަވެސް، ފިލްމަށް ލިބުނު ރަނގަޅު ރިވިއުތަކާ އެކު ދެވަނަ ދުވަހު ވަނީ 135 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދައި، އެ ދުވަހު 13.50 ކްރޯޑު ރުޕީސް (1.4 މިލިއަން ޑޮލަރު) ހޯދައިފަ އެވެ.

މިއާ އެކު، ދެ ދުވަސް ތެރޭގައި އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 26 ކްރޯޑު ރުޕީސް (2.72 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފަ އެވެ.

"ބަޓްވާރާ 1947"އަކީ 150 ކްރޯޑު ރުޕީސް (15.71 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. 

ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، "އާވާރާޕަން 2" އިން ވަރުގަދަ ފެށުމެއް ހޯދި ނަމަވެސް، "ބަޓްވާރާ 1947" އަށް ލިބެމުން އަންނަ ރަނގަޅު ރިވިއުތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ދެ ފިލްމުގެ ވާދަވެރިކަން އިތުރަށް ބޮޑުވާނެ އެވެ.  

"އާވާރާޕަން 2"ގެ ވާހަކަ ބިނާކޮށްފައި ވަނީ ފުރަތަމަ ފިލްމުގެ ހާދިސާތަކަށް ފަހު، ކުރީގެ ކުށުގެ ވެށިން ދުރުވެ އަމާން ދިރިއުޅުމެއް އުޅެން މަސައްކަތްކުރާ ޝިވަމް (އިމްރާން)ގެ މައްޗަށެވެ. މަރުވެފައިވާ އޭނާގެ ލޯބިވެރިޔާގެ ހަނދާނުގައި ނަންދީފައިވާ ތިން އަހަރުގެ ކުޑަކުއްޖަކު ކިޑްނެޕްކޮށް، ކުޑަކުދިންގެ ވަގުފާރި ނެޓްވޯކެއްގެ ތެރެއަށް ވައްޓާލުމުން، އެ ކުއްޖާ ސަލާމަތްކުރުމަށް ޝިވަމް ބެންކޮކަށް ދެ އެވެ.

އެ ނުރައްކާތެރި މިޝަންގެ ތެރެއިން އޭނާ ބެންކޮކްގެ އަނދިރި ޖަރީމާތަކުގެ ތެރެއަށް ވަދެ، އެ ކުއްޖާގެ އިތުރުން އަނިޔާލިބެމުންދާ އެހެން ކުދިން ސަލާމަތްކުރަން ކުރާ ނުރައްކާތެރި މަސައްކަތްތައް މި ފިލްމުގައި ދައްކަ އެވެ.

"ބަޓްވާރާ 1947"އަކީ 1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާން ވަކިވި ދުވަސްވަރުގެ ނުރައްކާތެރި ހަމަނުޖެހުންތަކުގެ ތެރޭގައި ހިނގާ އަސަރުގަދަ ހާދިސާތަކެއް ދައްކާ ތާރީޚީ ފިލްމެކެވެ. އިންޑިއާ އިން ގެދޮރު ގެއްލިގެން ޕާކިސްތާނުގެ ލާހޯރަށް ހިޖުރަކުރާ މުސްލިމް އާއިލާއެއްގެ ވެރިޔާ ސިކަންދަރު މިރުޒާ (ސަނީ) އަށް ސަރުކާރުން ހަމަޖައްސައިދެނީ ހިންދޫ އާއިލާއަކުން ދޫކޮށް ގޮސްފައިވާ ބޮޑު ގެއެކެވެ.

ނަމަވެސް، އެ ގޭގެ މަތީބައިގައި އެ ގޭގެ ކުރީގެ ވެރިޔާ، އުމުރުން ދުވަސްވީ ހިންދޫ އަންހެނެއް (ޝަބާނާ އަޒްމީ) އެ ގެ ދޫކޮށްދާން އިިންކާރުކޮށް އިނދެ އެވެ. ނަފްރަތާއި ހައްދުފަހަނައަޅާފައިވާ މުޖުތަމައުގެ ތެރެއިން ވެސް، ސިކަންދަރުގެ އާއިލާއިން އެ މުސްކުޅި އަންހެން މީހާއަށް ރައްކާތެރިކަންދީ، ނަފްރަތަށް ވުރެ އިންސާނިއްޔަތުކަން އިސްކުރާގޮތް މި ފިލްމުގައި ދައްކަ އެވެ.