ގޫގުލްއިން މި އަހަރު އެންމެ ގިނަ ބަޔަކު ހޯދި އޭޝިއާ ތަރިންގެ ލިސްޓަށް، އިންޑިއާގެ ސޯޝަލް މީޑިއާ ތަރި އުރްފީ ޖާވިދު އަރައިފި އެވެ.

އުމުރުން 24 އަހަރުގެ އުރްފީ އަކީ ސްޓާ ޕްލަސް އިން ދެއްކި "މޭރީ ދުރްގާ" އާއި "ޗަންދުރަ ނަންދިނީ" އަދި "ބޭޕަނާ" ކަހަލަ ޑްރާމާތަކުން ފެނުނު ޓީވީ ތަރިއެކެވެ. އޭނާގެ ނަން އެންމެ ބޮޑަށް މަޝްހޫރުވީ މިދިޔަ އަހަރު "ބިގްބޮސް އޯޓީޓީ"ގައި ބައިވެރިވި ފަހުންނެވެ.

އުރްފީ ފާހަގަކުރެވެނީ ތަފާތު ގޮތްގޮތަށް ހެދުން އަޅާ ތަރިއެއްގެ ގޮތުގަ އެވެ.

އިންޑިއާގެ އޭ ލިސްޓުގައި ހިމެނޭ ގިނަ ތަރިންތަކެއް ވައްޓާލުމަށް ފަހު، ގޫގުލްގައި އެންމެ ގިނަ ބަޔަކު ހޯދި އޭޝިއާގެ ތަރިންގެ ލިސްޓަށް އުރްފީ އެރުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ގޫގުލްއިން ކޮންމެ އަހަރަކު އާންމުކުރާ އެންމެ ގިނަ ބަޔަކު ސާޗު ކުރި 100 ތަރިންގެ ލިސްޓުގެ 57 ވަނައިން ޖާގަ ހޯދީ އުރްފީ އެވެ.

އެ ލިސްޓުގެ 59 ވަނައިގައި ޝިލްޕާ ޝެޓީ އޮތްއިރު 64 ވަނައިގައި ކިއާރާ އަދްވާނީ ހިމެނެ އެވެ. އަދި ޖާންވީ ކަޕޫރަށް ލިބުނީ 66 ވަނަ އެވެ. ކަންގަނާ ރަނައުތު ހިމެނެނީ އެ ލިސްޓުގެ 71 ވަނައިގަ އެވެ. ކްރިތީ ސަނޮން އަށް 82 ވަނަ ލިބުނުއިރު، ބިގްބޮސް ކާމިޔާބުކުރި ތެޖަސްވީ ޕްރަކާޝް އަށް ލިބުނީ 81 ވަނަ އެވެ. އަދި ނޭހާ ކައްކަރު 83 ވަނައިގައި ހިމެނޭއިރު، ޒުވާން ތަރި އަނަންޔާ ޕާންޑޭ އޮތީ އެ ލިސްޓުގެ 98 ވަނައިގަ އެވެ.

މި އަހަރު އެންމެ ގިނަ ބަޔަކު ސާޗުކުރި 100 ތަރިންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ބީޓީއެސްގެ ވީ އެވެ. ދެވަނައިގައި އޮތީ ބީޓީއެސްގެ އެންމެ ޒުވާން ތަރި، ޖަންޖްކޫކެވެ. އަދި ތިން ވަނައިގައި އޮތީ މިފަހުން ބަޑިޖަހައި މަރާލި ޕަންޖާބުގެ ލަވަކިޔުންތެރިޔާ ސިދޫ މޫސް ވާލާ އެވެ. އެ ލިސްޓުގެ ހަތް ވަނައިގައި ކެޓްރީނާ ކައިފް އަދި އަށް ވަނައިގައި އާލިއާ ބަޓް ހިމެނޭއިރު، ނުވަ ވަނަ ލިބިފައި ވަނީ ޕްރިޔަންކާ ޗޯޕްރާ އަށެވެ.

އުރްފީ އަށް ޢޭހާ ބޮޑު ކާމިޔާބެއް ލިބުނުއިރު، އޭނާ އަށް ފިލްމީ ދާއިރާ އިން ވެސް ގިނަ ހުށަހެޅުންތަކެއް އަންނަނީ ލިބެމުންނެވެ.

އުރްފީ އަކީ އޭނާގެ ހެދުން އެޅުމުގެ ސްޓަައިލުން މަޝްހޫރުވި ތަރިއެކެވެ. ކޮންމެ ދުވަހަކީ ވެސް އޭނާ އަށް "ރެޑް ކާޕެޓް އިވެންޓެކެވެ". ވަޔަރާއި މަލާއި ސޭފްޓީ ޕިން ނޫނީ ޕްލާސްޓިކާއި ކޮޓަން ކޭންޑީ ކަހަލަ އެކި އެއްޗެހި ބޭނުންކޮށްގެން ފެހި ތަފާތު ހެދުންތައް ވެސް އޭނާ ލާފައިވެ އެވެ.