"3 އިޑިއަޓްސް" ގެ ލީޑުން ފެންނަ ރާންޗޯ (އާމިރް ހާން)، ފަރްހާން (މަދަވާން) އަދި ރާޖޫ (ޝަރްމާން)
05 ފެބުރުއަރީ 2023 - 06:35
ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމް، "3 އިޑިއަޓްސް" ގެ ލީޑުން ފެނުނު ތިން އެކްޓަރުން ކަމަށްވާ އާމިރް ހާން، އާރް މަދަވަން އަދި ޝަރްމާން ޖޯޝީ އެއްކޮށް ފެންނަ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
އެ ތިން މީހުން މަގްބޫލުކަން ހޯދާފައި ވަނީ 2009 ވަނަ އަހަރު ނިކުތް އެ ފިލްމުގެ ލީޑުން ފެންނަ، ރަންޗޯ (އާމިރް)، ފަރްހާން (މަދަވަން) އަދި ރާޖޫ (ޝަރްމާން) ގެ ހެތްވާ، މަޖާ އަދި އެހާމެ ހިތްދަތި ރޯލުތަކުންނެވެ.
އެ ތިން މީހުން 14 އަހަރު ފަހުން އެއްތަންވެފައި ވަނީ، މިދިޔަ ހުކުރު ދުވަހު ޝަރްމާންގެ އިންސްޓަގްރާމުގައި އޭނާގެ އާ ގުޖަރާތީ ފިލްމު "ކޮންގްރެޗުލޭޝަންސް" ޕްރޮމޯޓުކުރަން، އިންސްޓަގްރާމުގައި ޕޯސްޓު ކުރި ވީޑިއޯއަކުންނެވެ. އެ ވީޑިއޯގައި ފެންނަނީ، ކްރިކެޓް ދަނޑެއްގައި، ތިން މީހުން އެއްވައްތަރެއްގެ ޖޯޒީއެއް ލައިގެން ތިއްބަ އެވެ.
އެ ޕޯސްޓުގައި "'3 އިޑިއަޓްސް" ވެގެން މިއަދު ނެރޭ 'ކޮންގްރެޗުލޭޝަންސް' ފިލްމު ޕްރޮމޯޓް ކުރަނީ" އޭ ކެޕްޝަންގައި ލިޔެފައި އޮތެވެ.
އެ ވީޑިއޯ ފެނުމުން "3 އިޑިއަޓްސް" ފިލްމުގެ ފޭނުން ތިބީ ވަރަށް އުފަލުންނެވެ. އަދި ގިނަ ބަޔަކު އަންނަނީ ފިލްމުގެ ދެ ވަނަބައެއް ނެރުމަށް ގޮވާލައި ކޮމެންޓު ކުރަމުންނެވެ.
ޝަރްމާން ޕްރޮޑިއުސްކޮށްފައިވާ ކޮންގްރެޗުލޭޝަން ފިލްމު ރިލީޒް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގައި އޭނައާއެކު ލިޑު ރޯލުން ފެންނާނީ އިންޑިއާގެ އެކްޓްރެސް، މަނަސީ ޕަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy