ބޮލީވުޑްގެ ސުޕަސްޓާރު އާމިރު ޚާންގެ މަޝްހޫރު ފިލްމު "ތުރީ އީޑިއަޓްސް"ގެ ރެންޗޯގެ ކެރެކްޓާއަކީ އިންޑިއާގެ ލަދާކްގެ މަޝްހޫރު އިނޮވޭޓާ އަދި އިސްލާހީ ހަރަކާތްތެރިޔާ ސޯނަމް ވަންގްޗުކްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފެއްދި ކެރެކްޓާއެއް ނޫން ކަމަށް ބުނެ އާމިރު ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާއަށް ގިނަ ބައެއް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ލަންޑަން އިންޑިއަން ފިލްމު ފެސްޓިވަލްގައި މިދިޔަ ހަފުތާގައި ވާހަކަދައްކަމުން އާމިރު ބުނީ "ތުރީ އީޑިއަޓްސް" ފިލްމު އުފެއްދިއިރު އޭނާއަށް ވެސް، އަދި ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއަށް ވެސް ސޯނަމް ވަންގްޗުކް އަކީ ކާކުކަމެއް ނޭނގޭ ކަމަށެވެ. އަދި އެއީ އާންމުންގެ މެދުގައި އުފެދިފައިވާ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ވެސް އާމިރު ބުންޏެވެ.

މި މައްސަލައިގައި އާމިރު ދޮގުހަދާފައިވާ ކަމަށް ބުނެ އިންޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އާމިރު އެހެން ބުނުމާ އެކު، 2008 ވަނަ އަހަރުގެ އެވޯޑު ހަފްލާއެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ފިލްމު ރިލީޒްކުރުމުގެ އެއް އަހަރު ކުރިން އާމިރު އާއި ސޯނަމް ވަންގްޗުކް ވަނީ އެ އެވޯޑު ހަފުލާއިން ބައްދަލުވެ، ސޯނަމްގެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަދައްކައިފަ އެވެ. އެހެންކަމުން ސޯނަމް ވަންގްޗުކް ނޭނގޭ ކަމަށް އާމިރު ބުނެފައި ވާތީ ގިނަ ބަޔަކު ވަނީ އޭނާ ކުށްވެރިކޮށްފަ އެވެ.

މީގެ އިތުރުން، މި ދަނޑިވަޅަކީ އިންޑިއާގެ ތައުލީމީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ދިއްލީގައި ބޮޑު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ވެސް ސޯނަމް ވަންގްޗުކް ކުރަމުންދާ ވަގުތެކެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ސޯނަމް ވަންގްޗުކްގެ ސިއްހީ ހާލަތު ދަށަށް ދާއިރު، ސިޔާސީ ގޮތުން ލިބިދާނެ ގެއްލުމަކަށް ބިރުން، އާމިރު ސޯނަމް ވަންގްޗުކްއާ ދުރުހެލިވާން އުޅެނީ ކަމަށް ބުނެ އިންޑިއާގެ ބައެއް ސިޔާސީ ލީޑަރުންނާއި އާންމުން ދަނީ އާމިރަކީ "އެއްވެސް ބުރަދަނެއް ނެތް" މީހެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

މި މައްސަލައިގައި ބޮލީވުޑްގެ ބައެއް އެހެން ތަރިން ކަމަށްވާ ޒީނަތު އަމާން އާއި ސޮނާކްޝީ ސިންހާ އާއި ޝަބާނާ އަޒްމީ ކަހަލަ ތަރިން ވަނީ ސޯނަމް ވަންގްޗުކްގެ ހަޅުތާލަށް ތާއީދުކޮށް، ސަރުކާރުން އޭނާއާ ވާހަކަދެއްކުމަށް ގޮވާލައިފަ އެވެ.

ނަމަވެސް އާމިރުގެ މި ވާހަކަތަކުގެ ސަބަބުން، ކުރިން އޭނާގެ ފިލްމުތަކުން ފެނުނު އިޖުތިމާއީ ރޫހު މިހާރު ގެއްލިއްޖެ ކަމަށް ބުނެ ފޭނުން ދަނީ މާޔޫސްކަން ފާޅުކުރަމުންނެވެ.