ވިކްރާންތު މަސީ އާއި ރަންބީރު ކަޕޫރު.
10 ނޮވެމްބަރ 2023 - 05:46
ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ރާޖުކުމާރް ހިރާނީ ދެން ހަދާ ފިލްމުގެ ލީޑު ރޯލުތަކަށް ރަންބީރު ކަޕޫރާއި ވިކްރާންތު މަސީ ހަމަޖައްސައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ހިރާނީގެ ކުރިއަށް އޮތް ދެ ފިލްމެއްގެ ލީޑަށް ވިކްރާންތު ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ދެ ފިލްމަށް ވިކްރާންތު ހަމަޖެއްސި ކަމަށް ވަނީ މިހާރު ސިނަމާގައި ދައްކަމުން އަންނަ އޭނާގެ އާ ފިލްމު "ޓުވެލްތު ފެއިލް"ގައި އޭނާ ދެއްކި އެކްޓިންނަށް ގިނަ ބަޔަކު ތައުރީފުކުރުމުންނެވެ.
ވިކްރާންތު އަށް ހުށަހަޅާފައިވާ ދެ ފިލްމުގެ ތެރެއިން އެއް ފިލްމުގެ ލީޑުގައި އޭނާއާ އެކު ރަންބީރު ކަޕޫރު ފެންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ރިޕޯޓްތައް ބުނީ އެ ދެ ފިލްމަކީ ވެސް ސްޓްރީމިން ޕްލެޓްފޯމަކަށް ތައްޔާރުކުރާ ފިލްމުތަކެއް ކަމަށެވެ. ނަމަވެސް، އެ ފިލްމުތައް ޑައިރެކްޓުކުރަނީ ހިރާނީއެއް ނޫނެވެ. އެއީ އޭނާ ޕްރޮޑިއުސްކުރާ ފިލްމުތަކެކެވެ. އެ ފިލްމުތަކުގެ ޑައިރެކްޓަރުންނަކީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.
ހިރާނީ މިހާރު ތައްޔާރުވަމުން އަންނަނީ ގިނަ ދުވަސްތަކަކަށް ފަހު ސިނަމާ އަށް އަންނަ އޭނާގެ އާ ފިލްމު "ޑަންކީ"ގެ ޕްރިމިއާ އަށެވެ. ޝާހްރުކް ހާން ލީޑު ރޯލު ކުޅޭ އެ ފިލްމު ޕްރިމިއާ ކުރަނީ އަންނަ މަހު 22 ގަ އެވެ.
އަންނަ މަހު ރަންބީރުގެ ފިލްމެއް ވެސް ނުކުންނާނެ އެވެ. އެއީ އަންނަ މަހު އެކެއްގައި ޕްރިމިއާ ކުރާ އެކްޝަން ތުރިލާ "އެނިމަލް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy