ކ. ގުޅި އަށް އުފަން އަހުމަދު ސައްޔާހުގެ އުމުރުން އަދި އެންމެ 18 އަހަރެވެ. އެކަމަކު "މޯލްޑިވިއަން އައިޑޮލް"ގެ ދެވަނަ ސީޒަންގައި އޭނާ ބައިވެރިވީ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގަ އެވެ.

އެކަމަކު ދިމާވީ ވަރަށް ދެރަ ގޮތެކެވެ. ގަދަ 16 އާ ހަމަ އަށް ގޮސް ޕިއާނޯ ރައުންޑާ ހަމައިން މުބާރާތުން އެންމެ ފުރަތަމަ ވަކިވާން ޖެހުނު އެއް ބައިވެރިޔަކީ ސައްޔާހެވެ.

އެހާ އަވަހަށް "މޯލްޑިވިން އައިޑޮލް"ގެ ސްޓޭޖް ދޫކޮށް ދާން ޖެހުމުން އޭނާ ވަރަށް ދެރަވި އެވެ. އެއީ އުންމީދު ކުރި ގޮތެއް ވެސް ނޫނެވެ.

އެކަމަކު އެ ސްޓޭޖް ދޫކޮށްލަން ޖެހުމަކީ ސައްޔާހުގެ މިއުޒިކް ކެރިއަރުގެ ނިމުމެއް ނޫނެވެ. އޭނާ ހުރީ މި ދާއިރާ އިން ކުރިއަށް ދާ ގޮތަށެވެ. ކުރިމަގުގައި ވެސް ސައްޔާހު ފެންނާނެ އެވެ. މި ފެށުނީ އެވެ.

"އަސްލު ވަރަށް ދެރަވި އެހާ އަވަހަށް ކަޓައިގެން ދިޔައިމަ. ފެމިލީ އާއި ފްރެންޑުންނަށް ވެސް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެއް މިއީ. އެންމެން ވެސް ވަރަށް ރުއި،" މާލޭގައި ދިރިއުޅުނަސް، މި ވަގުތު އަމިއްލަ ރަށުގައި ހުރި ސައްޔާހް ބުންޏެވެ.

މޯލްޑިވިއަން އައިޑޮލްގެ ގޯލްޑެން ޓިކެޓާ އެކު ސައްޔާހް.
މޯލްޑިވިއަން އައިޑޮލްގެ ގޯލްޑެން ޓިކެޓާ އެކު ސައްޔާހް.

އޭނާ "މޯލްޑިވިއަން އައިޑޮލް" ގައި ބައިވެރިވީ ވެސް މިޔުޒިކްގެ ތެރޭގައި އުޅެމުންނެވެ. ސައްޔާހަކީ މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭސްގެ މެމްބަރެކެވެ. އައިޑޮލް އަށް ދިޔައީ އެ ބޭންޑާ އޭނާ ގުޅުނުތާ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ފަހުންނެވެ.

"އޭރު ދިޔައީ އޮޑިޓް ފާމެއްގައި ޖޮބެއް ވެސް އަދާ ކުރަމުން. ޖޮބުން ވެސް ކެނޑިގެން އައިޑޮލްގައި ބައިވެރިވީ،" ސައްޔާހު ބުންޏެވެ. "އެކަމަކު އަނެއްކާ ވެސް ހަމަ ޖޮބެއްގައި އުޅެމުން މިއުޒިކް ދާއިރާ އިން ކުރިއަށް ދާން ނިންމައިގެން މިހިރީ."

މޯލްޑިވިއަން އައިޑޮލްގެ ތިއޭޓަ ރައުންޑްގައި ސައްޔާހް ލަވަ ކިޔަނީ.
މޯލްޑިވިއަން އައިޑޮލްގެ ތިއޭޓަ ރައުންޑްގައި ސައްޔާހް ލަވަ ކިޔަނީ.

ކުރިއަށް ދާކަށް ސައްޔާހަކަށް އެއްވެސް ހުރަހެއް ނެތެވެ. ކުރިމަތީގައި އޮތީ ވަރަށް ފަހި ފުރުސަތަކެވެ. ހަބޭހުން ވަނީ އެ ބޭންޑްގެ ކުޑައިގެ ދަށުން އޭނާ އަށް ބޭންޑެއް ވެސް ހަދައި ދީފަ އެވެ. އެއީ "ހަބޭސް ފިއުޝަން" އެވެ.

ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނި ގޮތުގައި ސައްޔާހަކީ މިއުޒިކްގެ ދާއިރާ އިން ކުރިއަށް ދެވިދާނެ، އެ ގާބިލުކަން ހުރި ޒުވާނެކެވެ. އެހެންވެ "ހަބޭސް ފިއުޝަން" އަކީ ހަބޭހުން ކޮށައިދިން ތަނަވަސް މަގެކެވެ. އެ ބޭންޑްގެ ލީޑް ވޯކަލިސްޓަކީ ސައްޔާހެވެ.

މިއީ މިފަދަ ފުރުސަތެއް މޯލްޑިވިން އައިޑޮލްގައި ވާދަ ކުރި ބައިވެރިއަކަށް ހަބޭހުން ފަހިކޮށް ދިން ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ސީޒަން އެކެއްގައި ރޮކްސްޓާގެ ނަމުން ވިދާލި މުއައްޒިން އަށް ހާއްސަކޮށް ވެސް ހަބޭހުން ބޭންޑެއް ހެދި އެވެ. އެއީ ގްރެވިޓީ ބައި ހަބޭސް އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑްގައި ސައްޔާހު ލަވަ ކިޔަނީ.
މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑްގައި ސައްޔާހު ލަވަ ކިޔަނީ.

"ޓެލެންޓް ހުރި، ކުރިއަށް ދާން ތިބި ޒުވާނުންނަށް އަބަދުވެސް ހަބޭހުން ފުރުސަތުތައް ފަހިކޮށް ދޭނަން. އެގޮތުން ސައްޔާހަށް ވެސް ބޭންޑެއް ހަދައި ދިނީ،" އައްޔަ ބުންޏެވެ. "އޭނާ ކުރިއަރުވަން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެމެން ކުރާނަން. އަނެއްކާ އައިޑޮލް އަށް އޭނާ ދިޔަ އިރު، ހަބޭސް ބޮޑުބެރު ބޭންޑާ އެކު މަސައްކަތް ކުރަމުން ދިޔައީ. އެއީ ވަރަށް ޓެލެންޓެޑް ކުއްޖެއް."

އޭނާ ބުނީ މި މަހުގެ 22 ގައި ސިންގަޕޫރުގައި ފަށާ ސައުންޑްސް އޮފް މޯލްޑިވްސްގެ މިއުޒިކް ފެސްޓިވަލަށް ވެސް ދާނީ ސައްޔާހު ގޮވައިގެން ކަމަށެވެ.

"އެ ދަތުރުގެ އިތުރަށް އަހަރެމެން އެބަ ދަން މެލޭޝިއާ އަށް ވެސް،" އައްޔަ ބުންޏެވެ.

ސައްޔާހު ކެޓި ރޭ އެހެން ބައިވެރިއަކާ އެކު ޑްއެޓް ލަވައެއް ކިޔަނީ.
ސައްޔާހު ކެޓި ރޭ އެހެން ބައިވެރިއަކާ އެކު ޑްއެޓް ލަވައެއް ކިޔަނީ.

ސައްޔާހު ވަނީ ހަބޭހުން ފަހިކޮށް ދިން ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

"ވަރަށް އަވަހަށް ހަބޭސް ފިއުޝަންގެ ހަރަކާތްތައް ފެށިގަންނާނެ. ވަރަށް ބޭނުން ކުރިއަށް ދާން." އަމިއްލަ އަލްބަމްތަކެއް ނެރުމުގެ ހިޔާލު ހުރި ލަވަ ކިޔުންތެރިޔާ ބުންޏެވެ.

ސައްޔާހު ބުނީ އޭނާ މިއުޒިކް ކުޅޭނީ ވަޒީފާއަކަށް ވެސް ދަމުން ކަމަށެވެ.

"ކުރިން ވެސް ހަމަ އެގޮތަށް މަސައްކަތް ކުރީ. އެހެންވީމަ އުނދަގުލެއް ނުވާނެ ޖޮބަކަށް ދަމުން ވެސް މިކަން ކުރަން. ބުނެލަން ބޭނުން ވަނީ އައިޑޮލް އިން ކެޓިޔަސް، ސައްޔާހު ނުއެއް ގެއްލެއޭ. އަބަދު ވެސް ފެންނާނެއޭ،" ސަކަ މިޒާޖެއްގެ ހުނަރުވެރިޔާ ބުންޏެވެ.

ސައްޔާހު ބުނީ "މޯލްޑިވިއަން އައިޑޮލް" ގެ ތަޖުރިބާއަކީ ހަނދާނުން ފޮހެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަސްލު ވަރަށް ގިނަ އެއްޗެހި ދަސްވި އޭގެ ތެރެއިން. ކުރިއަށް ދާނީ އެކަންކަމުގެ އަލީގައި. އަނެއްކާ ހަބޭހަކީ އެހާ ވަރުގަދަ ބޭންޑެއް. އޭގައި އުޅެވޭ ކޮންމެ ދުވަހަކީ އެތައް އެއްޗެއް ދަސްވާ ދުވަހެއް،" އޭނާ ބުންޏެވެ.