ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު އައްލޫ އަރްޖުން.
05 އޯގަސްޓް 2024 - 09:30
އިންޑިއާގެ ކެރެލާއަށް ކުރި ވިއްސާރާގައި ވަޔަނާޑް ޑިސްޓްރިކްޓުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު އައްލޫ އަރްޖުން 25 ލައްކަ ރުޕީސް (2،985 ޑޮލަރު) ހަދިޔާކޮށްފި އެވެ.
އައްލޫ ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށްޓަކައި ކެރެލާގެ ޗީފް މިނިސްޓަރު ހުޅުވާލި ފަންޑަށް 25 ލައްކަ ރުޕީސް ހަދިޔާކުރަން ނިންމާފައިވާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި އައްލޫ ބުނީ ވަޔަނާޑްގައި ހިނގި މި ހިތާމަވެރި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ދެރަވި ކަމަށާއި ކެރެލާގެ މީހުންނަކީ އަބަދުވެސް އޭނާއަށް ވަރަށް ލޯބި ދިން ބަޔަކަށް ވާތީ، އެމީހުންށް އެހީވާން ނިންމާފައިވާ ކަމަށެވެ.
"ކެރެލާގެ ރައްޔިތުންގެ ހިތްވަރާއި ރައްކާތެރިކަން މިންވަރު ކުރެއްވުމަށް ދުއާކުރަން،" އޭނާ ބުންޏެވެ.
މި ފަންޑަށް ވަނީ ސައުތު އިންޑިއާގެ މަޝްހޫރު ވަރަށް ގިނަ ތަރިން އެހީވެފަ އެވެ. އޭގެ ތެރޭގައި، ދުލްގޫރް ސަލްމާން އާއި ސޫރިޔާ އާއި ވިކްރަމް އަދި ނަޔަންތާރާ ވެސް ހިމެނެ އެވެ.
އިންޑިއާގެ ދެކުނު ސަރަހައްދަށް ކުރި އެ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރުކާޓު
07 August 2024
2،985 ޑޮލަރަކީ (250،000) ދެލައްކަ ފަންސާސްހާސް ރުޕީސް.