"ޖިގްރާ"ގެ ޕޯސްޓަރުގައި އާލިއާ ބަޓް.
06 ސެޕްޓެމްބަރ 2024 - 06:56
ބޮލީވުޑްގެ ތަރި އާލިއާ ބަޓް ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު "ޖިގްރާ" އަންނަ މަހު 19 ގައި ޕްރިމިއާކުރަން ނިންމައިފި އެވެ.
"ޖިގްރާ" އަކީ އާލިއާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެޓާނަލް ސަންޝައިން ޕްރޮޑަކްޝަނާއި ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
އެ ފިލްމުގެ ދެ ޕޯސްޓަރާއި ފިލްމު ރިލީޒްކުރާ ތާރީހު އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
ފިލްމުގެ ޕޯސްޓަރުތަކުން ފެންނަނީ ފިލްމުގައި ލީޑު ރޯލު ކުޅޭ އާލިއާގެ އިތުރުން ބޮލީވުޑަށް އަދި ވަރަށް އާ މޫނެއް ކަމަށްވާ ވެދަންގް ރައިނާ އެވެ. މިއީ ވެދަންގުގެ ދެވަނަ ފިލްމެވެ. އަދި ސިނަމާގައި އަޅުވާ އޭނާގެ ފުރަތަމަ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ.
"ޖިގްރާ"ގެ ޑައިރެކްޓަރަކީ "މޮނިކާ އޯ މައި ޑާލިން" އާއި "މަރުދު ކޯ ދަރުތު ނަހީ ހޯތާ" ކަހަލަ ފިލްމުތައް ޑައިރެކްޓުކުރި ވަސަން ބާލާ އެވެ.
އެ ފިލްމުގައި ދައްކާނީ ދައްތައެއްގެ ހިތުގައި އޭނާގެ ކޮއްކޮއަށް އޮތް ލޯތްބާއި ކޮއްކޮއަށްޓަކައި އޭނާގެ ދައްތަ ވާ ގުރުބާނީ އެވެ.
އާލިއާއާ އެކު، އެ ފިލްމު ޕްރޮޑިއުސްކުރަނީ ކަރަން އާއި އަޕޫރުވާ މެހެތާ އަދި ސޮމަން މިޝްރާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy