ނަހުލާ ބުނީ "ބޮސް" ހަދަން ނިންމި ހިސާބުން ވެސް އެ ފިލްމު ޑައިރެކްޓް ކުރަން ހަވާލު ކުރަން ވިސްނާފައި އޮތީ ރިޝްމީއާ ކަމަށް.
"ވިޝްކާ" ޕްރިމިއާފައި ނަހުލާ ވާހަކަ ދައްކާ އިރު ރިޝްމީ ކައިރީގައި: "ބޮސް" ގެ ޑައިރެކްޝަން ރިޝްމީ އަށް ވަނީ ހުށަހަޅާފައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
09 މާޗް 2017 - 13:26
ފާތުމަތު ނަހުލާ ލިޔެ، ޕްރޮޑިއުސް ކުރާ ލޯބީގެ ފިލްމު "ބޮސް" ޑައިރެކްޓްކޮށްދޭން ބަތަލާ ރިޝްމީ ރަމީޒަށް ހުށަހަޅައިފި އެވެ.
އެ ފިލްމު އިއުލާން ކުރުމަށް ފަހު، ނަހުލާ ދިޔައީ ފިލްމް ޑައިރެކްޓް ކުރާނެ މީހަކު ހޯދަން އަތްފުނާ އަޅަމުންނެވެ.
ރިޝްމީ އަށް އެ އޮފާ ދިނީ އިއްޔެ ޕްރިމިއާ ކުރި، ރިޝްމީ ޕްރޮޑިއުސްކޮށް ލީޑް ރޯލް ކުޅެފައިވާ ފިލްމު "ވިޝްކާ"ގެ ޕްރިިމިއާގެ ތެރޭގަ އެވެ. އެ ފިލްމުގެ ފްރިމިއާ ޝަރަފުވެރިކޮށް ދިނީ ނަހުލާ އެވެ.
ނަހުލާ ބުނީ ރިޝްމީ އާ ވަކިން ބައްދަލުކޮށް "ބޮސް"ގެ ޑައިރެކްޝަން އޮފާ ހުށަހެޅީ، އޭނާގެ ސިކުނޑީގައި ރިޝްމީގެ ނަން ފުރަތަމަ ނަމަކަށް ވެސް އިންނާތީ ކަމަށެވެ.
"ރިޝްމީ އަށް ވާނެ. އޭނަކީ މަސައްކަތްތަކަށް ވަރަށް ކަމޭ ހިތައިގެން، ވަރަށް ފަރުވާތެރިކަމާ އެކު މަސައްކަތް ކުރާ މީހެއް. އަހަންނަށް ކުރިން ވެސް އެކަން ތަޖުރިބާ ކުރެވިފައި ހުރީ. އެހެންވެ ބޮސްގެ ވާހަކަ ދެކެވުނު ހިސާބުން ފެށިގެން ވެސް އަހަރެންގެ މައިންޑްގައި ރިޝްމީގެ ނަން މި އިންނަނީ މި ފިލްމު ޑައިރެކްޝަނަށް ފުރަތަމަ ޗޮއިސްއަކަށް ވެސް،" ނަހުލާއާ އެކު ޑްރާމާ ސިލްސިލާ "ވަކިވުމުގެ ކުރިން"ގެ ޑައިރެކްޝަންގައި ރިޝްމީ ހިއްސާވިކަން ފާހަގަކޮށް ނަހުލާ ބުންޏެވެ.
އޭނާ އަދި ބުނީ "ބޮސް" އަކީ އޭނާ ވަރަށް ފުރިހަމަ އަށް ހަދަން ބޭނުންވާ ފިލްމެއް ކަމަށާއި އެކަން ރިޝްމީ އަށް ވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި "ވިޝްކާ" އިން ރިޝްމީ ވަނީ އޭނާގެ ގާބިލްކަން މާ ބޮޑަށް ވެސް ދައްކާލައިފައިކަން ނަހުލާ ވަނީ ފާހަގަކޮށްފަ އެވެ.
"ވިޝްކާ" ގެ ޕްރިމިއާގައި ނަހުލާ، ރިޝްމީ އަދި ރިޝްމީގެ މަންމައާ އެކު. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވަނީ ރިޝްމީ ޕްރޮޑިއުސްކޮށް، ރަވީ ފާރޫގް ޑައިރެކްޓް ކުރި "ވިޝްކާ" އަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކޮށްފަ އެވެ.
ނަހުލާ ބުނީ "ވިޝްކާ" އަކީ މިހާތަނަށް ދިވެހި ސިނަމާއިން އޭނާ އަށް ފެނުނު "އެންމެ ސަޅި، އެންމެ ފުރިހަމަ އެއް މަސައްކަތް" ކަމަށެވެ.
"ރިޝްމީއަކީ މެކްސިސަމް ދީގެން ހަމަ ބޭނުންވާ ގޮތަށް ނޫނީ މަސައްކަތެއްކޮށްފައި ދޫކޮށް ނުލާނެ މީހެއް. އަހަންނަކީ ވެސް ހަމަ އެކަހަލަ މީހެއް. އެހެންވެ މިއަށް އަހަރެމެން ދެ މީހުންގެ އިންޕުޓް އައިމަ ވަރަށް ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމަށް ބަލަނީ،" މީގެ ކުރިން ރަވީ ފާރޫގްއާ ހަވާލުކޮށްގެން "މި ހަށިން ފުރާނަ ދަންދެން" ވެސް ހެދި ޕްރޮޑިއުސަރު ބުންޏެވެ.
"ރިޝްމީ" އަށް "ބޮސް" ޑައިރެކްޓް ކުރަން ހުށަހެޅި އިރު، އެ ފިލްމުގެ އެއް ބަތަލާއަކީ ރިޝްމީގެ ކޮއްކޮ މަރިޔަމް އައްޒަ އެވެ. އަދި ރިޝްމީއަކީ އެ މީހުންގެ އާއިލީ ފިލްމު ކުންފުނި ޔާރާ ޕްރޮޑަކްޝަންގެ ބައެއް ފިލްމްތައް ވެސް ޑައިރެކްޓްކޮށްފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި "ހުކުރު ވިލޭރެ" އާއި "ފަނާ" ފާހަގަކޮށްލެވެ އެވެ.
ނަހުލާގެ ފަރާތުން އައި ހުށަހެޅުމާ ބެހޭ ގޮތުން ރިޝްމީ ބުނީ "ބޮސް" ގެ ޑައިރެކްޝަނާ ހަވާލުވުމާ ދޭތެރޭ އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
"ޕްރިމިއާ ތެރޭގައި ނަހޫގެ ފަރާތުން އެ އޮފާ އައީ. އެހެންވީމަ އަދި ވަކި ޑިސިޝަނެއް ނުނަގަން. ނަހޫއާ އިތުރަށް ޑިސްކަސްކޮށްފައ ގޮތެއް ނިންމާނީ،" އޭނާ ބުންޏެވެ.
ރިޝްމީ އަދި ބުނީ ޔާރާ އިން މި އަހަރު އިތުރު ފިލްމެއް ހަދަން ވެސް ޕްލޭންތަކެއް ކުރެވިފައި އެބަ ހުރި ކަމަށެވެ.
"އެކަމަކު ފަހަރެއްގައި އެ ޕްރޮޖެކްޓް ޑިލޭކޮށްލާފައި، ނަހޫގެ ފިލްމު ހަވާލު ވެސް ވެދާނަން. އެކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނާނަން،" އޭނާ ބުންޏެވެ.
"ވިޝްކާ" ގެ ޕްރިމިއާގައި ރިޝްމީ އާއި އައްޒަ: "ބޮސް" ގެ އެއް ބަތަލާއަކީ އައްޒަ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ހަދާ "ބޮސް" މިހާރު ތާވަލްކޮށްފައި އޮތް ގޮތުން، މަސައްކަތް ފަށާނީ ރޯދައިގެ ފަހުންނެވެ.
ފިލްމުގެ ކާސްޓުން ހަމަޖައްސަމުން އަންނަ އިރު، އައްޒަ އާއި އިބްރާހީމް ޖިހާދު (ޖިމީ) އަދި މުޅިން އަލަށް ތައާރަފު ކުރާ އެކްޓަރަކު ފިލްމަށް ވަނީ ނަގައިފަ އެވެ.
"އޭގެ އިތުރުން އަޒޫ [ފާތުމަތު އާޒިފާ] އާ ވެސް އެބަ ވާހަކަ ދައްކަން،" ނަހުލާ ބުންޏެވެ.
"ބޮސް" ސިނަމާ އަށް ގެންނަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ން\ަހުޒާ
09 March 2017
ވަރުގަދަ ވިޝްކާ އެއް ތީ
ސަރާހަތު
09 March 2017
ކޮބާތަ ނަހޫގެ ބީ...
އުދުހޭ
09 March 2017
ނަހޫއަށް ބަލާބަލަ!
ވަސީ
09 March 2017
ޕިސް ޕިސް ޕިސް
ކޮކޯހަސަން
09 March 2017
މަވެސް މި ހުންނަނީ ތި އޮފާ ލިބޭތޯ އެކަމަކު މިފަހަރުވެސް
ރަދީފް އެންޑް ރަފައިދާ
09 March 2017
ކޮބާތަ ނަހުލާ ހަދަންބުނި "އެކޮއި" ހުރިހާއެންމެން އެކޮއިމަތިން ހަނދާންނެތުނުހެން އެންމެންވެސް އެކޮއިމަތިން ހަނދާންނެތިއްޖެ.