ބޮލީވުޑްގެ އެކްޓަރު އަނުޕާމް ކޭރް އާއި ދެކުނު އިންޑިއާގެ ތަރި ޕްރަބާސް.
14 ފެބުރުއަރީ 2025 - 07:16
ބޮލީވުޑްގެ އެކްޓަރު އަނުޕާމް ކޭރްގެ 544 ފިލްމު ދެކުނު އިންޑިއާގެ ތަރި ޕްރަބާސްއާ އެކު ކުޅެން ނިންމައިފި އެވެ.
އަނުޕާމް އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ މި ފިލްމު އިއުލާންކޮށްފަ އެވެ. އެ ޕޯސްޓުގައި އޭނާ ހިއްސާކުރީ އޭނާ އާއި ޕްރަބާސް އެކުގައި ނަގާފައިވާ ފޮޓޯއެކެވެ.
"ވަރަށް އުފަލާ އެކު އަހަރެން 544 ވަނަ ފިލްމު އިއުލާންކުރަން. އަދި ނަމެއް ދީފައިވާ ނުވާ މި ފިލްމުގައި އަހަންނާ އެކު އުޅޭނީ އިންޑިއާ ސިނަމާގެ 'ބަހުބަލީ' އެފަދަ ދެވަނައެއް ނެތް ޕްރަބާސް،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.
އެ ފިލްމު ޑައިރެކްޓުކުރަނީ "ސީތާ ރަމާމް" ކަހަލަ ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމުތައް ގެނެސްދީފައިވާ ހަނޫ ރަގަވަޕޫޑީ އެވެ.
މާ ބޮޑު ތަފުސީލަކަށް ނުގޮސް އަނުޕާމް ބުނީ މި ފިލްމުގެ ވާހަކަ ވަރަށް ރީތިވާނެ ކަމަށެވެ.
އެ ފިލްމުގެ މުޅި ކާސްޓާއި ސިނަމާއަށް ގެންނަ ދުވަހެއް ވެސް އަދި އިއުލާން ނުކުރެ އެވެ.
އަނުޕާމް އެންމެފަހުން ކުޅުނީ މިދިޔަ ނޮބެމްވަރު މަހު ނެޓްފްލިކްސް އިން ގެނެސްދިން ފިލްމު "ވިޖޭ 69" އެވެ. އަދި ޕްރަބާސް އެންމެފަހުން ފެނުނީ މިދިޔަ އަހަރު ގެނެސްދިން ސައިންސް ފިކްޝަން ފިލްމު "ކަލްކީ 2898 އޭޑީ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy