އެމެރިކާގެ ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ބްރެޒިލްގައި ބޭއްވި ޝޯ.
06 މެއި 2025 - 11:15
އެމެރިކާގެ ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އޭނާގެ މިއުޒިކީ ކެރިއަރުގައި އެންމެ ބޮޑު ކޮންސާޓް ބާއްވައި، ތާރީހީ ރެކޯޑެއް ހަދައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ހުންނަ ކޯޕަކަބާނާ ބީޗުގައި ލޭޑީ ގާގާ ބޭއްވި ޝޯ ބަލަން 2.5 މިލިއަން މީހުން ގޮސްފައިވެ އެވެ. އެއީ ރެކޯޑް އަދަދެކެވެ. އަދި އެއީ މީގެ ކުރިން އަންހެން ލަވަކިޔުންތެރިޔެއްގެ ޝޯއެއް ބަލަން ނުދާހާ ގިނަ މީހުންނެވެ. އެހެންވެ، ގާގާއަށް މިހާރު ވަނީ އަންހެން ލަވަކިޔުންތެރިން ބޭއްވި ޝޯތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވި ޝޯގެ ރެކޯޑް ލިބިފަ އެވެ.
އެ ރިކޯޑް މީގެ ކުރިން ދެމެެހެއްޓީ އެމެރިކާގެ ލަވަކިޔުންތެރިޔާ މެޑޯނާ އެވެ. މެޑޯނާގެ ޝޯއެއް ބަލަން 1.6 މިލިއަން މީހުން ގޮސްފައިވެ އެވެ.
The most powerful photo in Lady Gaga’s career. pic.twitter.com/BeXQLn1YFl
— HausOfConnor (@hausofconnor) May 4, 2025
ގާގާގެ ޝޯއަށް ބްރެޒިލްގައި ބޮޑު ތަރުހީބެއް ލިބުނުއިރު، އެ ގައުމުގައި އޭނާ ހުރި ހޮޓަލުގެ ބޭރުގައި ކޭމްޕު ޖަހައިގެން ވެސް ގިނަ ބަޔަކު އޭނާ ދެކިލަން ގޮސް ތިއްބެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޝޯ ބަލަން އެ ދުވަހު ހެނދުނު ހެނދުނާއި މީހުން އެ ސަރަހައްދަށް އެއްވާން ފެށި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެމެރިކާގެ އެންމެ ނުފޫޒުގަދަ ލަވަކިޔުންތެރިންގެ ތެރޭގައި މިހާރު ހިމެނޭ ގާގާގެ ވަރަށް ގިނަ ޝޯތައް މި މަހު ސިންގަޕޫރުގައި ވެސް ބާއްވަ ވަނީ ތާވަލުކޮށްފަ އެވެ. މި މަހު 18 އިން ފެށިގެން ސިންގަޕޫރުގައި، އެކި ދުވަސް މަތިން އޭނާގެ ހަތަރު ޝޯއެއް ބާއްވަން ނިންމައި، ޓިކެޓް ވިއްކަން ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy