"ސިތާރޭ ޒަމީން ޕަރު"ގެ ކާސްޓުގައި ހިމެނޭ ކުދިންނާއެކު އާމިރް ޚާން ސެލްފީއެއް ނަގަނީ.
20 ޖޫން 2025 - 14:24
އިއްޔެ ޕްރިމިއާކުރި އާމިރް ޚާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރު"އަށް ރަނގަޅު ރިވިއުތަކެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމަށް ވަނީ ކްރިޓިކުންގެ ތައުރީފު ލިބިފަ އެވެ. އަދި ބެލުންތެރިންގެ ފަރާތުން ވެސް ރަނގަޅު ރިވިއުތައް ލިބެމުން އަންނަ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ބައެއް ކްރިޓިކުން ބުނީ މި ފިލްމަކީ އަހަރުތަކެއް ފަހުން އާމިރް އޭނާގެ އަސްލު ސްޓައިލްގައި ގެނެސްދިން ރީތި ފިލްމެއް ކަމަށެވެ. އެންޑީ ޓީވީ އާއި ޓައިމްސް އޮފް އިންޑިއާ އަދި ދަ ހިންދޫ ކަހަލަ އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ފިލްމު ކްރިޓިކުން ވެސް މި ފިލްމަށް ދީފައި ވަނީ ވަރަށް ޕޮޒިޓިވް ރިވިއުތަކެކެވެ.
ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓް ސުމިތު ކަޑެލް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އަހަރުގެ އެންމެ ސަޅި އެއް ފިލްމަށް މި ފިލްމު ވާނެ ކަމަށެވެ. މި ފިލްމު ބަލައިފައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ މެދުގައި އާންމުން ދެކޭގޮތް ވެސް ވަރަށް ބޮޑަށް ބަދަލުވާނެ ކަމަށް އޭނާ ބުންޏެވެ.
#SitaareZameenPar EXCELLENT
— Sumit Kadel (@SumitkadeI) June 20, 2025
RATING - ⭐️⭐️⭐️⭐️
Sitaare Zameen Par is the FINEST FILM of 2025.. This movie will completely change your perspective towards special kids. It doesn’t just educate you,it makes you realize that these children are not disabled, they’re simply… pic.twitter.com/d068P2mCob
ބޮކްސް އޮފީހުގެ ޕްރޮޖެކްޝަންތައް ދައްކާ ގޮތުގައި، ފުރަތަމަ ދުވަހު މި ފިލްމަށް 30 ކްރޯޑް ރުޕީސް ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ. މި ފިލްމު އުފެއްދީ 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ.
"ސިތާރޭ ޒަމީން ޕަރު"ގައި ދައްކާނީ އޯޓިސްޓިކް ކުދިންގެ ބާސްކެޓް ޓީމަކަށް ކޯޗުކަން ކޮށްދިނުމުގެ ތެރޭގައި މީހަކަށް ދިމަވާ ކަންތައްތަކެވެ.
މި ފިލްމަކީ 2007 ވަނަ އަހަރު ގެނެސްދިން، އާމިރް މިހާތަނަށް އަމިއްލައަށް ޑައިރެކްޓުކުރި ހަމައެކަނި ފިލްމު "ތާރޭ ޒަމީން ޕަރު"ގެ ސީކުއެލްއެކެވެ. އެކަމަކު، މި ފިލްމު ބިނާކޮށްފައި ވަނީ ހޮލީވުޑް ފިލްމެއް ކަމަށްވާ "ޗެމްޕިއަންސް" އަށެވެ.
އާމިރްއާ އެކު ޖެނީލިއާ ލީޑު ރޯލު ކުޅުނު "ސިތާރޭ ޒަމީން ޕަރު" ޑައިރެކްޓުކުރީ ވަރަށް އާ ޑައިރެކްޓަރެއް ކަމަށްވާ އާރު އެސް ޕްރާސަންނަ އެވެ.
އާމިރްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ދަށުން ގެނެސްދިން މި ފިލްމު ޕްރޮޑިއުސްކުރީ އޭނާ އާއި އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy