ބޮލީވުޑްގެ ތަރި ކަރިޝްމާ ކަޕޫރާއި އޭނާގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރް.
13 ސެޕްޓެމްބަރ 2025 - 09:03
ކުރީގެ ފިރިމީހާގެ ތިން ބިލިއަން ޑޮލަރުގެ އަގުހުރި ތަރިކަ މުދަލުން ކަރިޝްމާ ކަޕޫރް އެއްވެސް އެއްޗެއް ބޭނުން ނުވާ ކަމަށް އޭނާގެ ވަކީލުން އިއްޔެ ބުނެފި އެވެ.
ކަރިޝްމާގެ ކުރީގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރަށް ސްޓްރޯކެއް ޖެހިގެން ކުއްލި ގޮތަކަށް މަރުވީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ. އޭނާއަކީ އިންޑިއާ އާއި އިނގިރޭސިވިލާތުގެ އޮޓޯމޯޓިވް އިންޑަސްޓްރީގައި ވަރުގަދަ ވިޔަފާރިވެރިއެކެވެ.
ސަންޖޭ އާއި ކަރިޝްމާގެ ދެ ކުދިން ތިބެ އެވެ. ސަންޖޭ މަރުވުމުން އެ ކުދިން ވަނީ އޭނާގެ ތަރިކަ މުދާ ބެހުމުގެ މައްސަލަ އިންޑިއާގެ ދިއްލީގެ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެއާ އެކު، ސަންޖޭ މަރުވި އިރު އޭނާ އިނދެގެން އުޅުނު ޕްރިޔާ ސަޗްދޭވްއާ ވަނީ އެކަން ބޮޑު މައްސަލައަކަށް ހަދައިފަ އެވެ. ޕްރިޔާއަށް ވެސް ސަންޖޭގެ ކުއްޖަކު ހުރެ އެވެ.
ޕްރިޔާ ތުހުމަތުކުރާ ގޮތުގައި، ކަރިޝްމާ އުޅެނީ ސަންޖޭގެ މުދަލާ ހެދި އެވެ.
ކަރިޝްމާގެ ވަކީލުން ބައެއް މީޑިއާތަކަށް ބުނީ އެ މައްސަލަ ކޯޓަށް ހުށަހެޅީ އޭނާ އާއި ސަންޖޭގެ ދެ ކުދިން ކަމަށްވާ ކިއާން އާއި ސަމައިރާއަށް ބައްޕަގެ މުދަލުން ހައްގުވާ ބައި ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. ސަންޖޭގެ މުދަލުން ކަރިޝްމާ އެއްވެސް އެއްޗެއް ބޭނުން ނުވާ ކަމަށް ވަކީލުން ބުންޏެވެ.
މިހާރު ކޯޓުގައި ކުރިއަށް ގެންދާ އެ މައްސަލައިގެ އަޑުއެހުންތަކުގައި ޕްރިޔާ ބުނެފައިވާ ގޮތުގައި، ކަރިޝްމާގެ ދެ ކުދިންގެ ތެރެއިން ކޮންމެ ކުއްޖަކަށް 1،900 ކްރޯޑް ރުޕީސް (21.5 މިލިއަން ޑޮލަރު) ދޭން ސަންޖޭގެ ވަސިއްޔަތުގައިވެ އެވެ. ނަމަވެސް، އޭނާ އެ ބުނާ ވަސިއްޔަތުގެ ލިޔުން މިހާތަނަށް ކޯޓަށް ހުށަހަޅާފައި ނުވެ އެވެ.
އެއީ ތެދަކަށް ވާ ނަމަ، ޕްރިޔާ އެ ވަސިއްޔަތް ފޮރުވައިގެން ގެންގުޅެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކަރިޝްމާގެ ވަކީލުން ބުންޏެވެ.
ސަންޖޭގެ މަންމަ ރާނީ ކަޕޫރް ވެސް ވަނީ ތަރިކަ މުދަލުގެ މައްސަލާގައި ޕްރިޔާއާ ދެކޮޅަށް ދިއްލީގެ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ސަންޖޭގެ ތަރިކަ މުދަލުގެ ހުރިހާ ތަފުސީލެއް ހައި ކޯޓަށް ހުށަހަޅަން އެ ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ ޕްރިޔާއަށް އަމުރުކޮށްފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް ދެން އެންމެ އަވަހަށް ބާއްވާނީ އަންނަ މަހު ނުވައެއްގަ އެވެ.
ގެވެށި އަނިޔާކުރި ކަމަށް ތުހުމަތުކޮށް ސަންޖޭ ކައިރިން ކަރިޝްމާ ވަރިވީ 2016 ވަނަ އަހަރު އެވެ. ސަންޖޭ އާއި ސަންޖޭގެ މަންމަ ވެސް ކަރިޝްމާއަށް ގެވެށި އަނިޔާކުރި ކަމަށް ތުހުމަތުކުރި އެވެ. އަދި ސަންޖޭ އެހެން އަންހެނަކާ އެކު ނަހަމަ ގުޅުމެއް ބޭއްވިކަމުގެ ތުހުމަތު ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅި އަލީ!
13 September 2025
މަވެސް ބޭނުމެއްނޫންތޯ! އެކަމަކުވެސް ވަރި ހަމަ! މަ ބޭނުން ކަރިސްމާ!
ކުޑަހުއްތު
13 September 2025
1996ގެ ފަހުން މަ މިހުންނަނީ ކަރިޝްއަށްޓަކާ މީހަކާ ނީނދެ، އަޅެ ލިބޭނެނަމަ.
ފަޓާނީ
13 September 2025
ދެން އެކަމާ އުޅޭނެ ކަމެއް ނެތް.