ވިކީ ޖެއިން (މ) ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތްއިރު، އޭނާ ކައިރީގައި އޭނާގެ އަނބިމީހާ އަދި އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް އަންކިތާ ލޮކާންޑޭ (ވ).
14 ސެޕްޓެމްބަރ 2025 - 05:46
އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް އަންކިތާ ލޮކާންޑޭގެ ފިރިމީހާ އަދި ވިޔަފާވެރިޔާ ވިކީ ޖެއިންއަށް މަގުމަތީ އެކްސިޑެންޓެއްގައި އަނިޔާވެއްޖެ އެވެ.
މި ޚަބަރު ސޯޝަލް މީޑިއާގައި އިއްޔެ ހިއްސާކުރީ އެ ދެމަފިރިންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ އަދި ފިލްމު އުފެއްދުންތެރިޔާ ސަންދީޕް ސިންގެވެ.
އެ އެކްސިޑެންޓުގައި ލިބުނު އަނިޔާއަށް ފަރުވާކުރަން ވިކީ އޮތީ އިންޑިއާގެ މުމްބާއީގައި ހުންނަ ކޮކިލާބޭން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ.
ސަންދީޕްގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނި ގޮތުގައި، އެ އެކްސިޑެންޓް ހިނގީ މީގެ ތިން ދުވަސް ކުރިންނެވެ. އެ އެކްސިޑެންޓުގެ ތަފުސީލް ނުދިން ނަމަވެސް، އެ ހާދިސާގައި ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ބިއްލޫރި ކޮޅުކޮޅު ވިކީގެ އަތަށް ހެރުނު ކަމަށް ސަންދީޕް ބުންޏެވެ.
އެހެންވެ، އޭނާގެ އަތް ފަހައި، 45 ސްޓިޗް ޖަހާފައިވާ ކަމަށް ސަންދީޕް ބުންޏެވެ.
ސަންދީޕް ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ވިކީގެ ކަނާތު އަތްތިލައިން ފެށިގެން އުޅަނބޮއްޓާ ހަމައަށް އޮތީ ބެންޑޭޖު އޮޅައިފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ވިކީ ކައިރީގައި އަންކިތާ އިނެވެ.
ވިކީގެ ހާލު ރަނގަޅު ކަމަށާއި އޭނާ ވަރަށް ހިތްވަރުގަދަ ކަމަށް ވެސް ސަންދީޕް ބުންޏެވެ.
އަންކިތާ އާއި ވިކީ ކައިވެނި ކުރީ ޑިސެމްބަރު 2021 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަންގިނޯ
15 September 2025
މުޅިން އެކްޓު. ކެމެރާ ހަމަ ތިރިކޮށްލީ ޒުވާބު ފެށީ.