"ދަ އޮޑެސީ"ގެ މަންޒަރެއްގައި އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑް.
18 ނޮވެމްބަރ 2025 - 07:06
ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދަ އޮޑެސީ"ގެ ބައެއް މަންޒަރުތައް ފެންނަ ފޮޓޯތަކެއް އާންމުކޮށްފި އެވެ.
އެމްޕަޔާ މެގަޒިން އިން މި ހަފުތާގައި އާންމުކުރި އެ ފޮޓޯތަކުގެ ފެންނަނީ އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅޭ ޓޮމް ހޮލެންޑާއި އޭން ހެތުވޭ އާއި މެޓް ޑޭމަން އަދި މިއާ ގޮތެވެ. އެ ފިލްމުގައި އެ ތަރިން ފެންނާނެ ގޮތް އެ ފޮޓޯތަކުން އެނގެ އެވެ.
"ދަ އޮޑެސީ" ޕްރިމިއާކުރުމުގެ އަހަރެއް ކުރިން މިދިޔަ ޖުލައި މަހު ވަނީ އެ ފިލްމަށް ޓިކެޓް ވިއްކަން ވެސް ފަށައިފަ އެވެ. އަދި އެ ފިލްމުގެ ޓީޒާއެއް ނުވަތަ ޓްރެއިލާއެއް ވެސް އާންމެއް ނުކުރެ އެވެ.
"ދަ އޮޑެސީ"އަކީ ގްރީކްގެ ޅެމެއް ކަމަށްވާ "އޮޑިސުސް"އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
ނޯލަން ހަދާ އެ ފިލްމުގެ ލީޑު ރޯލަށް ނަގާފައި ވަނީ މާވެލްގެ "ސްޕައިޑަމޭން"ގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑެވެ. އަދި އޭނާގެ ލޯބިވެރިޔާ، ހޮލީވުޑްގެ އެކްޓްރެސް ޒެންޑަޔާ ވެސް މުހިންމު ރޯލެއް ކުޅެ އެވެ.
އެ ދެތަރިންގެ އިތުރުން ނޯލަންގެ ފިލްމުތަކުގައި ކުރިން މަސައްކަތް ކޮށްފައިވާ އޭން ހެތުވޭ، ލުޕިތާ ޔޯންގް، ރޮބާޓް ޕެޓިންސަން، ޗާލީޒް ތީރޮން އަދި މެޓް ޑޭމަން ވެސް "ދަ އޮޑެސީ"ގައި އުޅެ އެވެ.
ނޯލަން އާއި އޭނާގެ އަންހެނުން އެމާ ތޯމަސް ޕްރޮޑިއުސްކުރާ "އޮޑެސީ" ޕްރިމިއާ ކުރަނީ އަންނަ އަހަރު ޖުލައި 17 ގަ އެވެ.
ނޯލަންގެ އެންމެފަހުގެ ފިލްމަކީ 2022 ވަނަ އަހަރު ގެނެސްދިން "އޮޕެންހައިމާ" އެވެ. ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދި އެ ފިލްމަށް ވަނީ 2023 ވަނަ އަހަރުގެ އޮސްކާގައި ވެސް ހަތް އެވޯޑެއް ލިބިފަ އެވެ. އެ އަހަރު އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑު ވެސް ލިބުނީ އެ ފިލްމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy