ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލްގެ އަލަތު ދަރިފުޅަށް ދިން ނަން އިއްޔެ ހާމަކޮށްފި އެވެ.
އެ ދެމަފިރިންނަށް ފިރިހެން ދަރިއަކު ލިބުނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.
ކެޓްރީނާ އާއި ވިކީ އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ ދަރިފުޅަށް ދިން ނަން ހާމަކޮށްފަ އެވެ. އެ ޕޯސްޓުގައި ވަނީ އެ ދެމަފިރިންނާއި ދަރިފުޅުގެ އަތްތިލަ ފެންނަ ފޮޓޯއެއް ހިމަނައިފަ އެވެ.
އެ ދެމަފިރިންގެ ދަރިފުޅަށް ކިޔަނީ "ވިހާން ކައުޝަލް" އެވެ.
ސަންސްކްރިތު އޮރިޖިން އެ ނަމުގެ މާނައަކީ އިރުއެރުން، ހެނދުނުގެ އަލިކަން ނުވަތަ އިރުގެ އަލިކަމެވެ.
ކެޓްރީނާއަށް ކުއްޖަކު ލިބުނުއިރު، ޓޫރިޒަމް ޕްރޮމޯޓްކުރަން ވަރަށް އަވަހަށް އޭނާ ރާއްޖެ އަންނާނެ ކަމަށް މިދިޔަ އޮކްޓޯބަރު މަހު ބުނެފައިވެ އެވެ. ކެޓްރީނާއަކީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެކެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ ޑިސެމްބަރު 9، 2021 ގަ އެވެ.