ބޮލީވުޑްގެ ތަރި ކަޓްރީނާ ކައިފް، އޭނާގެ ފިރިމީހާ ވިކީ ކޯޝަލްއާ އެކު އިންޑިއާގެ މުމްބާއީގައި އޮތް ހަފުލާއަކުން ފެނިގެންދިއުމަށް ފަހު، އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ފާޑުކިޔައި "ބޮޑީ ޝޭމް" ކޮށްފި އެވެ.

ވިހެއުމަށް ފަހު ހަށިގަނޑުގެ ބަރުދަން އިތުރުވުމާ ގުޅިގެން ކުރި އެ ނޭދެވޭ ކޮމެންޓްތަކަށް ކެޓްރީނާގެ ސަޕޯޓަރުންނާއި ފޭނުން ވަނީ ވަރަށް ވަރުގަދަ ރައްދުތައް ވެސް ދީފަ އެވެ.

މި މައްސަލައިގައި ކެޓްރީނާގެ ދިފާއުގައި އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ވެސް ވަނީ "ލައިކް" ދީ، ކެޓްރީނާއަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. ރިތިކް އާއި ކެޓްރީނާ ވަނީ "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އާއި "ބޭންގް ބޭންގް" ކަހަލަ ކާމިޔާބު ފިލްމުތަކުގައި އެކުގައި މަސައްކަތްކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ކެޓްރީނާގެ ދިފާއުގައި އާންމުވި ޕޯސްޓުގައި ބުނެފައި ވަނީ ކެޓްރީނާއަކީ ދާދިފަހުން މަންމައަކަށްވެފައިވާ އަންހެނެއް ކަމަށާއި އޭނާއަކީ ފިލްމީ ދާއިރާ އާއި ވިޔަފާރިގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ މީހެއް ކަމަށެވެ. އަދި އަންހެނަކު ވިހެއުމަށް ފަހު ހަށިގަނޑަށް އަންނަ ތަބީއީ ބަދަލުތަކަށް ފާޑުކިޔުމަކީ ނޭދެވޭ އަދި އިންސާނިއްޔަތު ކަމެއް ނެތް އަމަލެއް ކަމަށް ވެސް ބުންޏެވެ.

ކެޓްރީނާ އާއި ވިކީއަށް ފިރިހެން ކުއްޖަކު ލިބުނީ މިދިޔަ އަހަރު ނޮވެމްބަރުގަ އެވެ.

ކެޓްރީނާގެ ފޭނުން ބުނާ ގޮތުގައި ވިހެއުމަށް ފަހު ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ ތަބީއީ ގޮތުން ހިނގާ އާންމު ކަމެއް ކަމަށާއި އެކަމާ ގުޅުވައިގެން މައިންނަށް ފާޑުކިޔުން ހުއްޓާލަންޖެހޭ ކަމަށެވެ.