ބޮލީވުޑްގެ ކަޕުލް ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް، އެމީހުންގެ އެއް އަހަރުގެ ފިރިހެން ދަރިފުޅު ވިހާން ކޯޝަލްގެ މޫނު ފެންނަ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި އިއްޔެ އާންމުކޮށްފި އެވެ.
އެ ފޮޓޯ އާންމުކުރީ ދިވާލީއާ ދިމާކޮށް ސަޕޯޓަރުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވަން އެ ދެމަފިރިން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ދެމަފިރިންނާއި ދަރިފުޅު ފެންނަ އެ ފޮޓޯ އާންމުކުރީ ވިހާންގެ ފުރަތަމަ އުފަންދުވަސް މިދިޔަ ހޮނިހިރު ދުވަހު ފާހަގަކުރިތާ އެއް ދުވަސް ފަހުންނެވެ.
އެ ފޮޓޯގެ ކެޕްޝަންގައި ކެޓްރީނާ ލިޔެފައި ވަނީ، "މިއީ އަހަރެމެންގެ އެންމެ އަލިގަދަ ދިވާލީ... ހުރިހާ އެންމެންނަށް ލޯތްބާއި އުފާވެރިކަމަށް އެދެން،" އެވެ.
ވިކީ އާއި ކެޓްރީނާއަށް ފިރިހެން ކުއްޖަކު ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.
އޭގެ ފަހުން، މި އަހަރުގެ ޖެނުއަރީ މަހު އެ ކުއްޖާގެ ނަމަކީ "ވިހާން ކޯޝަލް" ކަން ހާމަކުރި ނަމަވެސް، މިހާތަނަށް ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް އާންމެއް ނުކުރެ އެވެ.
ވިކީ ކުޅުނު ކާމިޔާބު ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް"ގައި އޭނާ ކުޅުނު ކެރެކްޓާގެ ނަމަކީ ވެސް މޭޖާ ވިހާން ސިންގް ޝޭރްގިލް އެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ 2021 ގަ އެވެ.