އޭނާގެ ފިލްމީ އެކުވެރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ކްރިތީ ސެނޯންއަށް ސޯޝަލް މީޑިއާގައި ކުރިމަތިވަމުންދާ ފާޑުކިއުންތަކާއި "ޓްރޯލް" ކުރުންތަކާ ދެކޮޅުކަން ފާހަގަކޮށް، އެ ދެ ތަރިންގެ ދިފާއުގައި ބޮލީވުޑްގެ އެކްޓްރެސް މުރޫނާލް ޓާކުރު ވާހަކަދައްކައިފަ އެވެ. 

މުރޫނާލްގެ އާ ކްރައިމް ތުރިލާ ފިލްމު "ޕޫޖާ މޭރީ ޖާން" ޕްރޮމޯޓްކުރުމުގެ ތެރޭގައި ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ބުނީ އަންހެނުން ހެދުން އަޅާ ގޮތަށާއި ސިފައަށް ބަލައި އަބަދުވެސް މީހުން ފާޑުކިޔާ ކަމަށެވެ.

ކެޓްރީނާ އާއި ކްރިތީއަކީ ހަމައެކަނި އެކްޓަރުން ނޫން ކަމަށާއި އިންޑިއާ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ވިޔަފާރިތައް ހިންގާ، އިންޑަސްޓްރީއަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ އައިކޮނިކް ދެ ތަރިން ކަމަށް މުރޫނާލް ބުންޏެވެ. 

މުރޫނާލް ބުނީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުމުގެ ނިންމުންތައް ނިންމުމާއި، ދިރިއުޅުމުގެ އެކި މަރުހަލާތަކުގެ އުފާ ހޯދުމުގެ ހައްގު އޮންނާނެ ކަމަށެވެ. އަދި އެހެން މީހުންގެ ދިރިއުޅުމުގެ ކަންކަމަށް ފާޑުކިޔައި، ތޯތޯ ވާހަކަތައް ފަތުރާ މީހުންނަކީ "ބޯގޯސް" ބައެއް ކަމަށް ސިފަކުރަމުން، އެފަދަ ކަންކަމަށް ސަމާލުކަން ނުދިނުމަށް އޭނާ އެދުނެވެ.

އަންހެނުންނަށް އަބަދުވެސް ފާޑުކިއުންތައް ކުރިމަތިވާކަން ފާހަގަކުރަމުން މުރޫނާލް އިތުރަށް ބުނީ މިހާރަކަށް އައިސް ފިރިހެން އެކްޓަރުންނަށް ވެސް އެކި ކަހަލަ ފާޑުކިއުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

ކެޓްރީނާ ވިހެއުމަށް ފަހު އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކަށް މީހުން ފާޑުކިޔާފައިވާއިރު، ކްރިތީއަށް ފާޑުކިޔާފައި ވަނީ ގަހަނާގެ އިސްތިހާރެއްގައި އޭނާ ލީ ހެދުމަކާ ގުޅިގެންނެވެ.