ބޮލީވުޑްގެ ކާމިޔާބު ލޯބީގެ ފިލްމު "ސައްޔާރާ" އިން ގިނަ ބައެއްގެ ލޯބި ހޯދި އެކްޓްރެސް އަނީތު ޕައްޑާގެ އާ ފިލްމުގައި އޭނާއާ އެކު މުހިންމު ރޯލެއް ކުޅުމަށް ވިޝާލް ޖެތުވާ ހަމަޖައްސައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

"އިންޑިއާ ޓުޑޭ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަނީތު ލީޑް ރޯލު ކުޅޭ ކުރިއަށް އޮތް ފިލްމު "ޝަކްތީ ޝާލިނީ"ގެ ކާސްޓާ ވިޝާލް މިހާރު ވަނީ ގުޅިފަ އެވެ. އެ ފިލްމުގައި ވިޝާލް ފެންނާނީ އަނީތުގެ ލޯބިވެރިޔާގެ ރޯލުންނެވެ.

އެ ފިލްމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެ ފިލްމާ ގުޅޭ އިތުރު ތަފްސީލު އަދި ވަނީ ސިއްރުކޮށްފަ އެވެ. ނަމަވެސް، މިއީ އެކްޝަން ފިލްމެއްކަން ވަނީ ކަށަވަރުވެފަ އެވެ. 

ވިޝާލް އެންމެފަހުން ފެނުނީ އިޝާން ކައްޓަރު އާއި ޖާންވީ ކަޕޫރާ އެކު ކުޅުނު، ދަރްމާ ޕްރޮޑަކްޝަންގެ "ހޯމްބައުންޑް" އިންނެވެ.

އަނީތު އާއި ވިޝާލް ވަނީ ކުރިން ވެސް އެކުގައި ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ވިޝާލް އާއި ކާޖޮލް ލީޑު ރޯލުތައް ކުޅުނު، 2022 ގެ ފިލްމު "ސަލާމް ވެންކީ" އެވެ. އެކަމަކު، އެ ފިލްމުގައި އަނީތު ކުޅުނީ ވަރަށް ކުޑަ، ސައިޑް ރޯލެކެވެ. 

"ޝަކްތީ ޝާލިނީ" ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. 

"ސައްޔާރާ" އިން މިދިޔަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް އަނީތު ވަނީ އިތުރު ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ ޖިންސީ އަނިޔާ ލިބިފައިވާ އަންހެން ކުއްޖަކު އޭނާގެ ހައްގު ހޯދަން ކުރާ މަސައްކަތް ދައްކާ ކޯޓްރޫމް ޑްރާމާ ފިލްމު "ނިޔާއީ" އެވެ. އެ ފިލްމުގައި އަނީތުއާ އެކު މުހިންމު ރޯލުތައް ކުޅޭނީ ބޮލީވުޑްގެ ތަރިން ކަމަށްވާ ފާތިމާ ސަނާ ޝައިހް އާއި އަރްޖުން މާތުރެވެ.

އެ ފިލްމު ޑައިރެކްޓުކުރަނީ ލޯބީގެ ފިލްމު "ބާރު ބާރު ދޭކޯ" އާއި ޕްރައިމް ވީޑިއޯގެ ކާމިޔާބު ސީރީޒް "މޭޑް އިން ހެވަން" ގެނެސްދިން ނިތުޔާ މެހެރާ އާއި އޭނާގެ ފިރިމީހާ ކަރަން ކަޕާޑިއާ އެވެ.

މިދިޔަ އަހަރު ޖުލައި 18 ގައި ޕްރިމިއާކުރި "ސައްޔާރާ"އަށް ވަނީ ރެކޯޑް އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމަށް 602 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިވަރުގެ ބޮޑު އާމްދަނީއެއް ލިބުނު ބޮލީވުޑްގެ ލޯބީގެ ފުރަތަމަ ފިލްމެވެ.

އެ ފިލްމުން ބޮލީވުޑަށް ތައާރަފުވި އަނީތު އާއި އަހާން ޕާންޑޭ ދެއްކި އެކްޓިންއަށް ގިނަ ބައެއްގެ ލޯބި ވަނީ ލިބިފަ އެވެ. އެހެންވެ، އެ ދެމީހުން ދެން ކުޅޭނެ ފިލްމަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާކުރަމުންނެވެ.