ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު "ދުރަންދަރު"ގެ ދެވަނަ ބައިން ވިކީ ކޯޝަލް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

އެ ފިލްމުގެ ފުރަތަމަ ބައިން ގިނަ ބައެއްގެ ލޯބި ހޯދި އަކްޝޭ ކަންނާގެ ފްލޭޝްބެކް މަންޒަރުތަކުން ވެސް ދެވަނަ ފިލްމު ފެންނާނެ ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، ދެވަނަ ފިލްމުން ބޮލީވުޑްގެ ތަރި ވިކީ ކައުޝަލް ވެސް ފެންނާނެ އެވެ. 

ރަންވީރު ސިންގާއި އާރް މާދަވަން އާއި ސަންޖޭ ދަތު އަދި އަރުޖުން ރާމްޕާލް މުހިންމު ރޯލުތައް ކުޅޭ "ދުރަންދަރު"ގެ ދެވަނަ ބައި ގެނެސްދެނީ އަންނަ މާޗު މަހު 19 ގަ އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، "ދުރަންދަރު 2"ގައި ވިކީ ކޯޝަލް ފެންނާނީ ހާއްސަ ފެނިލުމަކުން ނޫނެވެ. އޭނާ ފެންނާނީ 2019 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" އިން މަގުބޫލުކަން ހޯދި މޭޖާ ވިހާން ޝޭރްގިލްގެ ރޯލުންނެވެ. އެއީ ވެސް "ދުރަންދަރު"ގެ ޑައިރެކްޓަރު އަދިތުޔަ ދަރް ގެނެސްދިން ފިލްމެކެވެ. 

އަދިތުޔަ މިހާރު ބޭނުންވަނީ ވަނީ "ޔޫރީ" އާއި "ދުރަންދަރު" އެއްކޮށްލައި، ބޮލީވުޑްގެ އާ "ސިނެމެޓިކް ޔުނިވާސް"އެއް އުފައްދަން ކަމަށް ރިޕޯޓްތައް ބުންޏެވެ. 

ބައެއް ނޫސްތަކުން ބުނި ގޮތުގައި، އެ ފިލްމުގައި ވިކީ ކުޅޭ ބައިތައް މިދިޔަ އަހަރު ޝޫޓްކޮށް ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް، ފިލްމުގެ ޓީމުން މި ވާހަކަތައް މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. 

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ދުރަންދަރު" މި މަހު 30 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާނެ އެވެ.

 

މިދިޔަ މަހު ފަހެއްގައި ރިލީޒްކުރި "ދުރަންދަރު"އަށް މިހާރު ވަނީ 1،200 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބިފަ އެވެ. އެ ކާމިޔާބީއާ އެކު، 250-300 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމު ވަނީ އިންޑިއާގެ ހަތަރު ވަނައަށް އެންމެ އަގުބޮޑު ފިލްމަށް މިހާރު ވެފަ އެވެ.