ބޮލީވުޑްގެ ތަރި ރަންވީރު ސިންގަށް ލިބުނު މަރުގެ އިންޒާރަކާ ގުޅިގެން އޭނާ ދިރިއުޅޭ ގޭގެ ސެކިއުރިޓީ މިއަދު ވަރުގަދަކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، ރަންވީރާއި އޭނާގެ އަނބިމީހާ އަދި ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ގޭގެ ސަލާމަތީ ކަންކަން މިހާރު ވަރުގަދަކޮށްފައިވާ ކަމަށެވެ. ސަލާމަތީ ކަންކަން ވަރުގަދަކުރީ ރަންވީރަށް މަރުގެ އިންޒާރު ދީ، ފައިސާ ހޯދުމަށް ބިރުދެއްކުމުގެ މެސެޖުތަކެއް ލިބުމާ ގުޅިގެންނެވެ. 

ރަންވީރުގެ އާއިލާ ދިރިއުޅޭ އިމާރާތުގެ ބޭރުގައި ހަތިޔާރު އެޅި ހަ ސެކިއުރިޓީ ގާޑުން މިހާރު އެބަތިިބި ކަމަށާއި ފުލުހަކު ވެސް އެ ސަރަހައްދުގައި ފޯރިމަރަމުންދާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ނޫސްތަކުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަންވީރުގެ މެނޭޖަރަށް ވަޓްސްއެޕް މެދުވެރިކޮށް ފޮނުވި ވޮއިސް ނޯޓެއްގައި ވަނީ 10 ކްރޯޑް ރުޕީސް ދިނުމަށް އެދި އޭނާއަށް މަރުގެ އިންޒާރު ދީފަ އެވެ.

މި މައްސަލަ މިހާރު މުމްބާއީގެ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، އެ މެސެޖު ފޮނުވި މީހާ ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ރަންވީރަށް މަރުގެ އިންޒާރު ދިނީ، މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ގެއަށް ބަޑީގެ ހަމަލާތަކެއް ވެސް ދީފައިވާ ދަނޑިވަޅެއްގަ އެވެ. އެ ހަމަލާގެ ޒިންމާ ނަގާފައި ވަނީ "ލޯރެންސް ބިޝްނޯއީ" ކިޔާ އިންޑިއާގެ ނުރައްކާތެރި ގޭންގަކުންނެވެ.

ރަންވީރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ދުރަންދަރު: ދަ ރިވެންޖް" އަންނަ މަހު 19 ގައި ރިލީޒްކުރުމަށް ވެސް ތައްޔާރުވަމުންނެވެ. 

މިދިޔަ އަހަރު ގެނެސްދިން "ދުރަންދަރު"ގެ ފުރަތަމަ ފިލްމަކީ ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމެވެ. ޕާކިސްތާނުގެ ޓެރަރިސްޓް ނެޓްވޯކެއް ހަލާކުކޮށްލުމަށް އިންޑިއާގެ ޖާސޫސީ އިދާރާއިން ކުރާ މަސައްކަތްތަކެއް ދައްކާ އެ ފިލްމަށް 1،300 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ލިބިފައިވެ އެވެ.