ކުރީގެ މަޝްހޫރު ސްކްރީން-ރައިޓަރު އަދި ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާންގެ ބައްޕަ ސަލީމް ހާންގެ ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނީ ސަލީމް އެޑްމިޓުކޮށްފައި ވަނީ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި އިއްޔެ ކަމަށެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ނަމަވެސް އޭނާ އެޑްމިޓްކުރި ސީދާ ސަބަބެއް އަދި މިހާތަނަށް އާއިލާއަކުން ހާމަކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުންޏެވެ.
ސަލީމް އެޑްމިޓްކުރުމުން އޭނާގެ އާއިލާގެ ގިނަ މެންބަރުންތަކެއް ވަނީ ހޮސްޕިޓަލަށް ގޮސްފަ އެވެ. ސަލްމާން ހޮސްޕިޓަލުން ނުކުމެގެންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މިހާރު ވަނީ އާންމުވެފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 90 އަހަރު ފުރުނު ސަލީމްއަކީ ބޮލީވުޑްގެ ތާރީހު ބަދަލުކޮށްލި ލިޔުންތެރިއެކެވެ. ޖާވިދު އަޚްތަރާ އެކު އޭނާ ލިޔުނު "ޒަންޖީރު"، "ދީވާރު" އަދި "ޑޮން" ފަދަ ފިލްމުތަކަކީ ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބައްޗަން ސުޕަސްޓާރަކަށް ހެދި ފިލްމުތަކެވެ.
ސަލީމްގެ ދެ އަނބިން ތިބޭއިރު، އޭނާގެ ފަސް ކުދިން ތިބެ އެވެ. އެއީ ސަލްމާންގެ އިތުރުން އަރްބާޒް ހާން، ސޮހައިލް ހާން، އަލްވީރާ ހާން އަދި އަރްޕިތާ ހާން އެވެ. އަރްޕިތާއަކީ އެ ސަލީމް އެޓޮޕްޓުކުރި ކުއްޖެކެވެ.
އެ ހުރިހާ ކުދިން ވެސް ހޮސްޕިޓަލުން ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ސަލީމްގެ ސަޕޯޓަރުން އަންނަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި ބުނަމުންނެވެ.