ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާނާއި އޭނާގެ އަވަށްޓެރިޔާ ކެތަން ކައްކަޑާ ދެމެދު ހިނގަމުންދާ އަރާރުވުމާ ގުޅިގެން ސަލްމާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތައް ނެގުމާ މެދު ވިސްނުމަށް އިންޑިއާގެ ބޮމްބޭ ހައިކޯޓުން އޭނާގެ އަވަށްޓެރިޔާއަށް އަންގައިފި އެވެ.
ރިޕޯޓުތަކުގައި ބުނީ މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރު ވަނީ ސޯޝަލް މީޑިއާ ބޭނުންކުރުމާއި މަޝްހޫރު މީހުންނާ ބެހޭ ގޮތުން ދޮގު ތުހުމަތުތައް ފެތުރުމާ ބެހޭ ގޮތުން މުހިންމު ގިނަ ވާހަކަތަކެއް ދައްކަވައިފައި ކަމަށެވެ.
ފަނޑިޔާރު ސުވާލު އުފެއްދެވީ، ގާނޫނީ އަދި އިދާރީ ގޮތުން މައްސަލަތައް ހައްލުކުރެވެން އޮއްވައި އޭގެ ބަދަލުގައި މީހުން ސޯޝަލް މީޑިއާގައި ޝަކުވާތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟ އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހުރުމަކީ އެހެން މީހުންގެ ނުވަތަ ސެލެބްރިޓީންގެ އަބުރާ ބެހޭ ގޮތުން ޕޯސްޓްތައް ކުރުމަށް ލިބޭ ހުއްދައެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ކެތަންއަކީ ޕަންވެލްގައި ހުންނަ ސަލްމާންގެ ފާމްހައުސްއާ އިންވެގެން އޮންނަ ބިމުގެ ވެރިޔާ އެވެ. ސަލްމާނާ ދެކޮޅަށް ކެތަން ކުރި ބައެއް ތުހުމަތުތަކުގެ ތެރޭގައި ތިމާވެށީގެ ގާނޫނުތަކާ ޚިލާފުވަމުން ދިއުމާއި ކެތަންގެ ބިމަށް ވަދެނިކުމެ ހަދާ މަގު ބަންދުކޮށްފައިވުން އަދި އެކަމާ ގުޅިގެން ކަމާ ބެހޭ އިދާރާތަކަށް ތަކުރާރުކޮށް ޝަކުވާ ހުށަހެޅުމުން ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުން ހިމެނެ އެވެ.
މި މައްސަލައަކީ ކެތަން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރި ޕޯސްޓުތަކާއި ޔޫޓިއުބް ވީޑިއޯތަކާ ގުޅިގެން، އޭނާ ސަލްމާންގެ އަބުރާ ބެހި، ދީނީ ނުތަނަވަސްކަން އުފައްދަން އުޅޭ ކަމަށް ބުނެ 2022 ވަނަ އަހަރު ސަލްމާން ހުށަހެޅި އަބުރުގެ ދައުވާއެކެވެ.
މިހާރު ހައިކޯޓުގައި ހިނގަމުންދަނީ ސިވިލް ކޯޓުން ސަލްމާނަށް ވަގުތީ އަމުރެއް ނެރެދީފައި ނުވާތީ، އެ ނިންމުން ސަލްމާންގެ ފަރާތުން އިސްތިއުނާފު ކުރުމުން އޭގެ އަޑުއެހުންތަކެވެ. މީގެ ކުރީގެ އަޑުއެހުންތަކުގައި ކޯޓުން ފާހަގަކޮށްފައި ވަނީ ކެތަން އާންމުކުރި އެއް ވީޑިއޯއަކީ ސީދާ ސަލްމާނަށް އަމާޒުކޮށްފައިވާ އެއްޗެއްކަން ސަލްމާނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
މި މައްސަލައިގެ ކުރިއަށް އޮތް އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ ހަވަނަ ދުވަހަށެވެ.