އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގެ ބޭރުގައި ޕަޕަރާޒީން އޭނާއަށް ފާރައަށް ތިބުމުން އެކަމާ ރުޅިއައިސް އަދި އޭގެ ފަހުން އިންސްޓަގްރާމްގައި ދިން ހަރުކަށި އިންޒާރުތަކަށް ފަހު، ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާން މީޑިއާއަށް މާފުކޮށް، މުޅި މައްސަލަ ފިނިކޮށްލައިފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ސަލްމާން ކުއްލި ގޮތަކަށް މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލަށް ދިޔައީ އޭނާގެ ގާތް އެކުވެރިއެއްގެ އަންހެނުން ވަރަށް ބޮޑަށް ބަލިވެގެން އެޑްމިޓްކުރުމުންނެވެ. ނަމަވެސް، ޓްރެފިކް ލައިޓަކުން ސަލްމާންގެ ކާރު ފާހަގަކޮށް، ޕަޕަރާޒީން ވަނީ ހޮސްޕިޓަލާ ހަމައަށް އޭނާގެ ފަހަތުން ގޮސްފަ އެވެ.
ކާރުން ފޭބި ވަގުތު، ކެމެރާތަކުގެ ފްލޭޝްތަކާ އެކު ޕަޕަރާޒީން ވަށާލައި، އޭނާގެ ކުރިއަށް އޮތް ފިލްމު "މާތުރޫބޫމީ"ގެ ނަން ކިޔައި ހަޅޭއްލަވަން ފެށި އެވެ. އެއާ އެކު ސަލްމާންގެ ކެތްތެރިކަން ކޮޅުންލައި، ވަރަށް ބޮޑަށް ރުޅިއައިސްގެން އެމީހުންނާ ދިމާލަ އެއްޗެހި ކިޔެވެ.
ސަލްމާން ޕަޕަރާޒީންނަށް އެއްޗެހި ކިޔާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
"ތިއުޅެނީ މޮޔަވެގެންތަ؟ ތިހެން ހޮސްޕިޓަލު ބޭރުގައި ހަޅޭއްލަވާއިރު، ކަލޭމެންގެ އާއިލާ މީހަކު އެތެރޭގައި އެނދުމަތިކޮށްފައި އޮތްނަމަ ތިހެން ހަދާނަންތަ؟ ފޮޓޯތޯ މުހިންމީ ނޫނީ ފުރާނަތޯ؟،" ސަލްމާން ބުންޏެވެ.
އެ ރުޅިގަނޑު ހަމައަކަށް ނޭޅި، ބުދަ ދުވަހުގެ ރޭ މެންދަމު ދޭއް ޖަހާކަށް ހާއިރު ސަލްމާން ވަނީ އޭނާގެ އިންސްޓަގްރާމްގައި ވަރަށް އަސަރުގަދަ ވާހަކަތަކެއް ދައްކައިފަ އެވެ. މީޑިއާ އިން އުޅެނީ އޭނާގެ ދެރަ އާއި ހިތާމައިން ވިޔަފާރިގެ ފައިދާ ނަގަން ކަމަށް ތުހުމަތުކުރި އެވެ.
"އަހަރެން އަބަދުވެސް މީޑިއާއަށް އެހީތެރިވަން. އެމީހުން ބަނޑަށްނުޖެހި އުޅެވޭނެ ގޮތް ހަދައިދެން. އެކަމަކު މަގޭ ހިތާމައިން ފައިސާ ހޯދަން ނޫޅޭ، ހިމޭނުން ތިބޭ. މިފަދަ ކަންކަމާ ހުރެ ސަތޭކަ ފިލްމު އަންދާލަން ޖެހުނަސް އަހަރެން ފަހަކަށް ނުޖެހޭނަން،" އޭނާ ބުންޏެވެ.
އޭނާގެ އުމުރުން 60 އަހަރު ވިޔަސް، ހައްގު ހޯދަން މަސައްކަތްކުރާނެ ހިތްވަރު އަދިވެސް އެބަހުރި ކަމަށް ބުންޏެވެ.
"އަހަރެންގެ އުމުރުން 60 އަހަރު ވިޔަސް، ތަޅާފޮޅަން ހަނދާނެއް ނުނެތޭ. ދެން ބަލަމާ، މަގޭ ޖަލަށް ލާނީތަ؟ ހާހާ،" ސަލްމާން ބުންޏެވެ.
މި ހޫނު މައްސަލަގަނޑަށް ނިމުންމެއް އައީ ހީނުކުރާހާ އަވަހަށެވެ. ފިލްމު "ރާޖާ ޝިވާޖީ"ގެ ކާމިޔާބީ ފާހަގަކުރުމުގެ އިއްޔެ އިރުއޮއްސުނު ވަގުތު މުމްބާއީގައި ބޭއްވި ހަފުލާއަށް ސަލްމާން ދިއުމުން އެތަނަށް އެއްވެ ތިބި ހުރިހާ ޕަޕަރާޒީން އެއް އަޑަކުން "ސޮރީ ބާއީ، ސޮރީ"އޭ ކިޔައި ހަޅޭއްލަވަން ފެށި އެވެ.
ސަލްމާން ހުއްޓި، އެމީހުން މާފަށް އެދޭކަން އެނގުމުން، މޫނުމަތީގެ ކުލަވަރު ބަދަލުވެ، ހިނިތުންވުމަކާ އެކު އަތުން އިޝާރާތްކޮށް "އެންމެ ރަނގަޅޭ" ބުނެ އެމީހުންގެ މާފު ގަބޫލުކުރި އެވެ. އެއާ އެކު، ސޯޝަލް މީޑިއާގައި ބޮޑު ބަހުސަކަށް ވެފައި އޮތް މި މައްސަލަގަނޑު ވަނީ މުޅިން ފިނިވެފަ އެވެ.
ސަލްމާން މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ބޮޑު އެކްޝަން ފިލްމު "މާތުރޫބޫމީ"ގެ މަސައްކަތްތަކާއި ނަޔަންތާރާއާ އެކު ކުޅޭ "SVC63"ގެ މަންޒަރުތައް ނަގަމުންނެވެ.